ރާއްޖޭގައި މިހާރު ގިނައީ ދިވެހި ނަރުހުން!

ޞިއްޙީ ފަރުވާ ދިނުމުގައި އެންމެ މުހިއްމު އެއް މަސްއޫލިއްޔަތު އަދާކުރާ ފަރާތަކީ ނަރުހުންނެވެ. ހޮސްޕިޓަލެއްގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައިވެސް ނަރުހުން އަދާކުރާ ދައުރަކީ އެއްވެސް އަމިއްލަ އެދުމެއް ނެތި އިންސާނިއްޔަތުގެ ނަޒަރުން އަގުނުކުރެވޭނެ ޚިދުމަތެކެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް ޚިދުމަތަށް ބޭނުންވާ ނަރުހުން ލިބުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮންޖެހުން ރާއްޖެއަށްވެސް އެބައޮތެވެ. ޞިއްޙީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 3700 އަށްވުރެ ގިނަ ނަރުހުން ޚިދުމަތުގައި ތިއްބެވެ. މީގެތެރެއިން 2400 އަށްވުރެ ގިނަ ދިވެހި ނަރުހުން ތިބިއިރު، 1200 އަށްވުރެ ގިނަ ނަރުހުންނަކީ ބިދޭސީ ނަރުހުންނެވެ.
ރާއްޖޭގައި ނަރުހުން ބިނާކުރުމަށް ވޭތުވެދިޔަ 30 އަހަކަށް އަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއްވަނީ ކުރެވިފައެވެ. ނަރުހުން ބިނާކުރުމަށް ވޭތުވެދިޔަ 27 އަހަރު ޚިދުމަތުގައި ހުންނެވި ޑރ. އާސިޔަތު އިބްރާހީމް ވިދާޅުވި ގޮތުގައި، ނަރުހުން ބިނާކުރުމަށް އެންމެ ފުރަތަމަ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މިއަދު މަސްޓަރސްއާއި ހަމައަށް ކުރި ދަތުރުގައި މުހިއްމު ކާމިޔާބީތަކެއް ރާއްޖެއިންވަނީ ހާސިލުކޮށްފައެވެ.
"ރާއްޖޭގައި ނަރުހުން ބޭނުންވާ ވަރަށް ނެތްކަމުގެ ކަންބޮޑުވުން އެބައޮތް. އެކި ފޯރަމްތަކުގައިވެސް ބަހުސްކުރެވޭ ކަމެއް މިއީ. އެހެންނަމަވެސް ބައްލަވާލައްވާ އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ކުރިއަރާފައިވާ މިންވަރަށް. އައިޖީއެމްއެޗަށް ބެލިނަމަވެސް އެތައް ޚިދުމަތެއް ތަޢާރަފްވެއްޖެ. އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކަށް ބެލިނަމަވެސް ޚިދުމަތްވަނީ އިތުރުވެފައި. އެހެންކަމުން ނަރުހުން ޚިދުމަތަށް ބޭނުންވާ ނިސްބަތްވެސްވަނީ އިތުރުވެފައި." ޑރ. އާސިޔާ ވިދާޅުވިއެވެ.
ނަރުހުން ބިނާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ކުރިއަރަމުން އަންނަ ޞިއްޙީ ނިޒާމަށް އެކަށޭނެ މިންވަރަށް ނަރުހުން އުފެއްދުމުގައި ހުރަސްތަކެއް ހުރިނަމަވެސް ކުރިއާ އަޅާބަލާއިރު މިކަމަށް ހައްލު އައިސްފައިވާކަން ޑރ. އާސިޔާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު 130 ނަރުހުން ހޮސްޕިޓަލެއްގައި ޚިދުމަތްކުރާނަމަ އޭގެތެރެއިން 100 ނަރުހުންނަކީ ދިވެހި ނަރުހުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޑިގްރީ އަދި މާސްޓަރސް ލެވެލްއަށް މިއަދު ނަރުހުން ތިބީ ކިޔަވައިގެންނެވެ. ޕީއެޗްޑީ ފެންވަރަށް ކިޔަވާ ނަރުހުން އިތުރުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު އޭގެ ސަބަބުން ދިރާސާތައް ކުރެވި އޭގެ ފައިދާ މުޅި ޞިއްޙީ ނިޒާމަށް ކުރާނެއެވެ.
ހަމައެއާއެކު ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިިންގއިން ދަނީ ރާއްޖޭގައި އިތުރުވަމުންދާ ސްޕެޝޭލިޓީތަކުން ސްޕެޝަލައިޒްޑް ނަރުހުން ބިނާކުރުމާއި ދިމާއަށް މިހާރު މަސައްކަތް ކުރަމުންނެވެ. މިއީ އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ޞިއްޙީ ނިޒާމަށް ގެނުވާނެ ކަމެކެވެ.
ބަލި މީހުންނަށް އަޅާލުމާއި، ބަލި މީހުންނަށް އޯގާތެރި ފަރުވާއެއް ކަށަވަރުކުރުމުގައި ނަރުހުން އަދާކުރާ ޤައުމީ ވާޖިބަކީ އަގުނުކުރެވޭނެ ޚިދުމަތެކެވެ. ނަރުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ނަރުހުންނަށް ލުއިފަސޭހަ ގޮތަކަށް ވަޒީފާގެ ވާޖިބު އަދާކޮށް ޢައިލީ ޒިންމާ އަދާކުރެވޭނެ މަގުފަހިކުރުމަކީ ވަޒީފާގައި ދެމިތިބޭ ނަރުހުން އިތުރުވާނެކަމެކެވެ.
އެކަން ކަށަވަރުކުރުމަށް މަޝްވަރާތައް މިހާރު ހިނގަމުންދާއިރު ނަރުހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީވެސް މުހިއްމުކަމެކެވެ. ޞިއްޙީ ނިޒާމު އެންމެ ހެޔޮގޮތުގައި ކުރިއަރައިދިޔުމަށް ނަރުހުންގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހެއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހެވެ. ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޞިއްޙީ ފަރުވާގެ ނިޒާމުގައި ނަރުހުންގެ ދައުރުފުޅާކޮށް، ނަރުހުން ކުރާ ޚިދުމަތުގެ އަގުވަޒަންކޮށް، ދިމާވާ ދަތިތަކާއި ހުރަސްތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައެވެ. އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސެސްއިން މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ، "އަވަރ ނަރސެސް، އަވަރ ފިއުޗަރ، އެމްޕަވަރޑް ނަރސެސް، ސޭވްސް ލައިވްސް." މިޝިޢާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ