ހުއްދަ ނެތި ދުއާ ލިޕާގެ ފޮޓޯ ބޭނުންކުރުމުން ސެމްސަންގްއާ ދެކޮޅަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް

ސެމްސަންގް ކުންފުނިން ހުއްދަ ނެތި އޭނާގެ ފޮޓޯ ބޭނުންކުރި ކަމަށް ބުނެ، މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލީޕާ އެ ކުންފުންޏާ ދެކޮޅަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފި އެވެ.
ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސި ލަވަކިޔުންތެރިޔާ، އުމުރުން 29 އަހަރުގެ ދުއާ ލީޕާ މި ދައުވާ އުފުލާފައި ވަނީ ސެމްސަންގްގެ ޓީވީތައް އިޝްތިހާރު ކުރުމުގައި އޭނާގެ ފޮޓޯ އާއި "ލައިކްނެސް" ނުވަތަ އޭނާކަން އެނގޭ ފަދަ ސިފަތައް ބޭނުންކޮށްފައި ވާތީ އެވެ.
ދުއާ ލީޕާ ބުނީ ސެމްސަންގުން ވަނީ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގައި އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ އޭނާގެ އެއްވެސް ހުއްދައެއް ނުވަތަ އެއްބަސްވުމެއް އޮވެގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އެކަމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދުއާ ލީޕާ ބޭނުންވަނީ 15 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުންޏެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ދުއާ ލީޕާ ވަނީ ސެމްސަންގާ އެކު މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އޭނާގެ ވަކީލުން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އަދި އޭގެ ފަހުން ސެމްސަންގުން އޭނާގެ ފޮޓޯތައް ބޭނުންކުރަމުން ދަނީ އެއްވެސް ހުއްދައެއް ނެތި އެވެ. 
މި މައްސަލައާ ގުޅިގެން ސެމްސަންގް ކުންފުނިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދުއާ ލީޕާއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފަންނާނުންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިޔަކަށް ވާއިރު، އޭނާގެ އަމިއްލަ ބްރޭންޑް "ވެލިއު" ބޭނުންކޮށްގެން ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގާ ކަމަށް ބުނާ ބައެއް މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ