އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ލޭބަ ޕާޓީގެ 70އަށް ވުރެ ގިނަ މެންބަރުން ގޮވާލައްވައިފި

އިނގިރޭސިވިލާތުގެ އިންތިހާބުތަކުގައި ލޭބަ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން، ބޮޑުވަޒީރު ކިއަރު ސްޓާމާ މަގާމުން ވަކިވެވަޑައިގަންނަވާނެ ތާރީހެއް ކަނޑައެޅުއްވުމަށް ބާރުއަޅާ ފަރާތްތައް އިތުރުވެއްޖެ އެވެ.
ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ސްޓާމާ މަގާމުން ދުރުވުމުގެ ޕްލޭނެއް އެކުލަވާލެއްވުމަށް ބާރުއަޅުއްވަމުން ގެންދަވާއިރު، އޭގެ ތެރޭގައި ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި، ކެބިނެޓްގެ ގިނަ މެންބަރުން އަދިވެސް ތިއްބެވީ ބޮޑުވަޒީރާ އެކުގަ އެވެ.
އިއްޔެގެ ނިޔަލަށް ލޭބަ ޕާޓީގެ 72 މަޖިލިސް މެންބަރުން ވަނީ ސްޓާމާ ވަގުތުން އިސްތިއުފާ ދެއްވުމަށް ނުވަތަ މަގާމުން ވަކިވެވަޑައިގަންނަވާނެ ވަގުތެއް އިއުލާނު ކުރެއްވުމަށް އާންމުކޮށް ގޮވާލައްވާފަ އެވެ. މީގެ އިތުރުން، ބައެއް ޕާލަމެންޓްރީ އެހީތެރިން ވެސް ވަނީ އިސްތިއުފާ ދެއްވައި ލީޑަޝިޕް ބަދަލުކުރުމަށް ގޮވާލައްވާފަ އެވެ.
ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިންގެ އެހީތެރިއެއް ކަމަށްވާ ޖޯ މޮރިސް ވިދާޅުވި ގޮތުގައި، ބޮޑުވަޒީރަށް އޮތް ރައްޔިތުންގެ އިތުބާރު މިހާރު ވަނީ ގެއްލިފަ އެވެ. އަދި މަގާމުން ވަކިވި އެހެން އެހީތެރިއެއް ކަމަށްވާ ނައުޝާބާ ހާން ވެސް ވަނީ، ސްޓާމާއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، އާ ލީޑަޝިޕެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ޕާޓީގެ ތެރޭގައި މި ހަމަނުޖެހުން ބޮޑުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ލޭބަ ޕާޓީއަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެންނެވެ. މީގެ ތެރޭގައި އިންގްލެންޑުން 1,500އެއްހާ ކައުންސިލަރުންގެ ގޮނޑި ގެއްލުމާއި ގަރުނަކަށް ވުރެ ގިނަ ދުވަހު ވޭލްސްގައި އޮތް ބާރު ކެނޑުމުގެ އިތުރުން، ސްކޮޓްލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ޕާޓީއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ ހިމެނެ އެވެ.
މިހާ ބޮޑު ފިއްތުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ސްޓާމާ ވިދާޅުވަނީ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ދޫކޮށްނުލައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޕާޓީގެ ކުރިމަގާ މެދު މަޝްވަރާ ކުރެވެމުންދާއިރު، ސްޓާމާގެ ބަދަލުގައި މަގާމަށް ގެނައުމަށް އެންޑީ ބާންހަމް، އެންޖެލާ ރޭނާ އަދި ވެސް ސްޓްރީޓިން ފަދަ ބޭފުޅުންގެ ނަންތައް މިހާރު ދަނީ ހުށަހަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ