ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ޒަޔާން، ނިބާލް، ނަބާ އަދި ނަބީ ސިންގަލްސް ފައިނަލަށް

މިހާރު ކުރިއަށްދާ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ބައިގެ ފައިނަލުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) ޖާގަ ހޯދައިފި އެވެ. 
ޒަޔާން ޒަކީ ވަނީ ސެމީ ފައިނަލުގައި، ރިވައިވަލްގެ ހައިޝަމް އިބްރާހިމް އަލީ އަތުން 15-06، 15-12 އިން މޮޅުވެފަ އެވެ. ނިބާލް ވަނީ ހަސަން ޒަޔާން މުހައްމަދު އަތުން 15-09، 15-10 އިން މޮޅުވެފަ އެވެ. ފައިނަލުގައި ޒަޔާނާއި ނިބާލް ބައްދަލުކުރާއިރު، މީގެ ހަތް އަހަރު ކުރިން ވެސް މި ދެ ކުޅުންތެރިން ވަަނީ އެސޯސިއޭޝަން ކަޕް ފައިނަލުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ޒަޔާން މޮޅުވީ ފަހަތުން އަރަ އެވެ. 
އަންހެން ސިންގަލްސް ފައިނަލުން ނަބީ ޖާގަ ހޯދީ ސެމީ ފައިނަލުގައި ޝުބާ މުހައްމަދު ލަތީފް އަތުން 15-5، 15-2 އިން މޮޅުވެގެންނެވެ. ނަބީއާ ދެކޮޅަށް ފައިނަލުަގައި ކުޅޭ އޭނާގެ ދައްތަ،  ނަބާ ފައިނަލުން ޖާގަ ހޯދީ ޔަލްވީ ހުސެއިން ޒުހުރީ އަތުން ސެމީ ފައިނަލުގައި މޮޅުވެގެންނެވެ. ޔަލްވީ އަތުން ނަބާ ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ، 15-10، 15-08 އިންނެވެ.
ރިވައިވަލް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ، ނަބީ އާއި ނަބާ ވަނީ މީގެ ކުރިން ގިނަ ގައުމީ ފައިނަލްތަކުގަައި ވާދަކޮށް ކާމިޔާބު ހޯދައިފަ އެވެ. 
މިކްސް ޑަބަލްސް ފައިނަލުން ނިބާލް އާއި ނަބީގެ ޕެއާ ޖާގަ ހޯދީ ސެމީ ފައިނަލުގައި މުހަައްމަދު އަޖުފާން ރަޝީދު އާއި އައިޝަތު ޔޫހާ އަހުމަދު 15-10، 15-09 އިން ބަލިކޮށްގެންނެވެ. ނަބީ އާއި ނިބާލްގެ ޕެއާ އިން ފަައިނަލުގައި ކުޅޭނީ ޒަޔާން އާއި ނަބާގެ ޕެއާއާ އެވެ. ޒަޔާން އާއި ނަބާގެ ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މުހަައްމަދު ހިޝާމް ލަތީފް އާއި ނަފްހާ ނަސްރުﷲ އަތުން 15-4، 15-1 އިން މޮޅުވެގެންނެވެ. 
ފިރިހެން ޑަބަލްސް ފައިނަލުގައި ނިބާލް އާއި ޒަޔާންގެ ޕެއާ ބައްދަލުކުރާނީ އަހުމަދު ތޯއިފް އާއި ރިއާޒް މުހައްމަދުގެ ޕެއާއާ އެވެ. ނިބާލް އާއި ޒަޔާންގެ ޕެއާ އިން ވަނީ ސެމީ ފައިނަލުގަައި ހަމްޒާ އަބްދުލް ރަހުމާން އާއި ޔޫސުފް ނިޔާޒްގެ ޕެއާ އަތުން 15-07، 15-11 އިން މޮޅުވެފަ އެވެ. އަދި، ތޯއިފް އާއި ރިޔާޒްގެ ޕެއާ އިން ވަނީ ހައިޝަމް އާއި މުހައްމަދު ހަލަފް އިމްރާން އަތުން 15-09، 15-5 އިން މޮޅުވެފަ އެވެ. 
އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން ފައިނަލުން ޖާގަ ހޯދީ ސެމީގައި ފާތިމަތު އިމްތިޝާލް ސައުދުﷲ އާއި މަރިޔަމް ޝަފާހަތުގެ ޕެއާ 15-04، 15-02 އިން ބަލިކޮށްގެންނެވެ. އަދި، އައިމިނަތު ނަސީމާ އާއި ބުސައިނާ އަހުމަދު ރިޒާގެ ޕެއާ އިން ފައިނަލަށް ދަތުރުކުރީ އައިޝަތު ޔޫހާ އަހުމަދު އާއި އައިމިނަތު އަމްނާ އަލީ އާމިރު އަތުން 15-12، 15-10 އިން މޮޅުވެގެންނެވެ. 
ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗުތައް ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ