ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އޮތީ ނާޒުކު ފައްތަރެއްގައި: ޓްރަމްޕް

އީރާނާ އެކު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި މުހިންމު ކަންތައްތަކަކަށް ތެހެރާނުން އިންކާރުކުރުމާ ގުޅިގެން، ހަމަލާތައް މެދުކަނޑާލަން މިހާރު ވެފައިވާ އެއްބަސްވުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.
އީރާނުން ހުށަހެޅި ޖަވާބުގައި ބުނެފައިވަނީ، ލުބުނާން ހިމެނޭ ގޮތަށް މުޅި ސަރަހައްދުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށާއި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ދީފައިވާ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ކުރިއަށް އޮތް ތަނުގައި ހަމަލާ ނުދޭނެކަމުގެ ޔަގީންކަން ދިނުމުގެ އިތުރުން، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮންނާނެކަން ވެސް އެ ގައުމުން ވަނީ އަލުން ކަށަވަރުކޮށްދީފަ އެވެ.
އީރާނުގެ މި ހުށަހެޅުންތަކަށް ރައްދުދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށާއި އެ ލިޔުން ބެއްލެވުމަށް ފަހު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު މިހާރު ވަރަށް ހަނިވެފައިވާ ކަމަށެވެ.
ނަމަވެސް އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ އެ ގައުމުގެ ނިންމުން ދިފާއުކުރައްވައި އީރާނުން އެދެމުންދަނީ ހައްގު މިންވަރަށް ކަމަށް ވިދާޅުވެފަ އެވެ.
މި މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމާ ގުޅިގެން، ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ %3އަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 104 ޑޮލަރަށް ވުރެ އުފުލިފަ އެވެ. ސަބަބަކީ ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވުމެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އިންޒާރު ދެއްވި ގޮތުގައި، އެ ގައުމަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށެވެ. އަދި ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެމެރިކާއަށް އޭގެ ބުރަ ބޮޑުވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޗައިނާއަށް ތެޔޮ އެކްސްޕޯޓް ކުރުމުގައި އީރާނަށް އެހީތެރިވާ ކުންފުނިތަކާއި މީހުންނާ ދެކޮޅަށް ވޮޝިންޓަނުން ވަނީ އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
މި ދަނޑިވަޅުގައި، ރޮއިޓާސް/އިޕްސޯސް އިން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރަނީ އީރާނުގެ މައްސަލައިގައި އެމެރިކާ ބައިވެރިވާ ސަބަބާއި އޭގެ މަގްސަދު ޓްރަމްޕަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ޓްރަމްޕް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މި މައްސަލައާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ