ހޯޑެއްދޫ މަސްފެކްޓްރީގެ މަސައްކަތް ކުރިއަށް ނުދަނީ ސަރުކާރުތަކުން ޖެއްސުންކުރާތީ: ގާސިމް

ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީއެއް އެޅުމަށް ހޮރައިޒަން ފިޝަރީޒަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރިއަށް ނުދަނީ ސަރުކާރުން އެކަމަށް ދަތިކުރާތީކަމަށް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް މިއަދު ހޮރައިޒަންގެ ވެރިން ހާޒިރުކޮށް ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޮރައިޒަންގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، މަސް ފެކްޓްރީގެ މަސައްކަތް މިހާތަނަށް ނުގެންދެވި އޮތީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރާ ވާހަކަ ދެއްކި ނަމަވެސް އަމަލުން އެކަން ނުފެންނަކަމަށެވެ. މިގޮތުން މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރުމަށް ލޯނެއް ދޭނެ ބޭންކެއްވެސް ރާއްޖޭގައި ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. "ބައްލަވާ ހޯޑެއްދޫ މަސްފެކްޓްރީއަށް 16 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ހުއްޓައޭ 2012 ވަނަ އަހަރު އެތަން އެ އަންދާލީ. އަލުން އެތަން އަޅަން ބަލާއިރު ފައިނޭންސް ހޯދުމުގައި ދަތިތަކެއް އެބަހުރި. މަސްވެރިކަމަށް ވީމައި ބޭންކަކުން ލޯނެއްވެސް ނުދޭ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވާދަވެރި މާހައުލެއްގައި ވިޔަފާރީގެ އުސޫލްތަކުގެ ތެރެއިން މަސްފެކްޓްރީ ހިންގުމަށް ސަރުކާރުން ދަތިކުރަމުންދާކަމަށެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދުވަސްވަރު މަސް ފެކްޓްރީގެ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް ދެން އައި ސަރުކާރުތަކުގެ އަމަލުތައް ހުރިގޮތުން އެކަން ކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުގެ މަސްކުންފުނި މިފްކޯ މެދުވެރިކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ޖެއްސުންކުރަމުންދާކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހޮރައިޒަން ފިޝަރީޒްގެ ބޭފުޅުން މިއަދު ހާޒިރުކޮށްފައިވަނީ، ގދ. ހޯޑެއްދޫގައި މަސްފެކްޓްރީއެއް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިމުގައި 17 އަހަރު ފާއިތުވެގެން ދިޔައިރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީވެ އެ މައްސަލާގައެވެ. ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިއޮތް ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެންމެފަހުން އެ މައްސަލަ ބޮޑުވެ، ހޯޑެއްދޫ ކައުންސިލުން ވެސް ވަނީ އެ ބިން ހޯދަން ކޯޓަށް ދާންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. މި މައްސަލައިގައި މި ފަހުން ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ހޯޑެއްދޫ ކައުންސިލުން ބުނެފައިވަނީ 13.5 ހެކްޓަރުގެ ބޮޑު ބިމެއް އެއްވެސް ބޭނުމެއް ނުހިފި، ރަށަށްވެސް މަސްވެރިންނަށްވެސް ފައިދާއެއް ނުލިބި އެގޮތަށް އޮތުމުން ކައުންސިލުން އިންތިހާއަށް ކަންބޮޑުވާކަން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ