ވިލިމާލޭގައި ހިންގި މާރާމާރީގައި މަރާލި ޒުވާނާއަށް އިންސާފު ހޯދުމަށް އެ އަވަށު ރައްޔިތުން މަގުމައްޗަށް

ވިލިމާލޭގައި ހޯމަ ދުވަހު ހަވީރު ހިންގި ނުރައްކާތެރި މާރާމާރީގައި ނ. މާޅެންދޫ އަހުމަދު މިރުޒާ މަރާލުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ، އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހިނގާލުމެއް ބާއްވައިފި އެވެ.
އެ މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މިރުޒާ، ،25 ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، އިއްޔެ ރޭ ދަންވަރު މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެ، އަދި އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް އަދަބު ދިނުމަށް ގޮވައިލައި ވިލިމާލޭގެ ގިނަ އަދަދެއްގެ އަންހެނުންނާ ޒުވާނުން ވަނީ މިރޭ މަގުތަކަށް ނުކުމެ އަޑުއުފުލައިފަ އެވެ.
އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ، މިރޭ ގާތްގަނޑަށް 8:30 އެހާކަންހާއިރު ފެށި އެ ހިނގާލުމުގައި އެ އަވަށުގެ 700 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. އަދި މިރުޒާ މަރާލި ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުން ދިރިއުޅޭ ގެތައް ކައިރިއަށް ގޮސް ހިނގާލުމުގެ ބައިވެރިން އަޑުއުފުލި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ، "މިރުޒާގެ ގާތިންލުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބު ދިނުމަށް" ހިނގާލުމުގެ ބައިވެރިން ކެނޑިނޭޅި ގޮވަމުންދިޔަ ކަމަށެވެ. އަދި އެކަމުގައި މިރުޒާގެ އާއިލާއާއި ގާތްތިމާގެ މީހުންގެ އިތުރުން ގިނަ އަދަދެއްގެ ރަހުމަތްތެރިންވެސް ބައިވެރިވި ކަމުގައި އޭނާ މައުލޫމާތު ދިނެވެ.
މި ހިނގާލުމުގައި ވިލިމާފަންނު ދާއިރާގެ މެމްބަރު މުހައްމަދު ނިހާން ހުސެއިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ، ވިލިމާލޭގައި އެހާ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މިފަދަ ހިނގާލުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށާއި އެފަދަ އިޖުތިމާއީ ހަރަކާތްތަކުން، މާރާމާރީ ފަދަ ކުށްތައް ހުއްޓުވުމަށް މަޖިލީހުގައި ކުރައްވަން ޖެހޭ މަސައްކަތްކުރެއްވުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ