ޤާހިރާ : މިސްރުގެ ވެރިކަމުން ޙުސްނީ މުބާރަކް ބާލައި އޭނާ ޤައުމުން ބޭރަށް ވަޑައިގަތުމަށް އެދި މިސްރުގެ ރައްޔިތުން ގޮވާލާ ގޮވާލުންތަކަށް ނައިބު ރައީސް ޢުމަރު ސުލައިމާން ދެކޮޅު ހައްދަވައިފިއެވެ.
ޢުމަރު ސުލައިމާން މިއަދު ވިދާޅުވީ މުބާރަކްގެ ރިޔާސީ ދައުރު ނިމުމުން އޭނާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމާއި މުބާރަކްގެ ދަރިކަލަކުވެސް ވެރިކަމާ ކުރިމަތިނުލައްވާނެކަން ވަރަށް ސާފުބަހުން އޭނާ ވިދާޅުވެފައިވާކަމުގައެވެ. އެހެންކަމުން ގަދަކަމުން މުބާރަކް ވެރިކަމުން ދުރުކުރުމަށް އިތުރަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމުގައެވެ. މިސްރުގެ ނޫސްތަކުގެ އެޑިޓަރުންނާބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ސުލައިމާން ވަނީ މިސްރުގެ ރައްޔިތުންގެ ގިނަޢަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު މައިދާނުއްތަޙްރީރަށާއި މިސްރުގެ އެކިރައްތަކުގެ މަގުތަކަށް އެއްެވެ މުބާރަކްގެ ވެރިކަން ވައްޓާލަން ކުރަމުން ގެންދާ މުޒާހަރާތަކަކީ މިސްރުގެ ރައްޔިތުންނާއި ވެރިންނަށް އިހާނާތް ކުރުމުގެ ޢަމަލެއް ކަމަށް ސިފަކުރައްވާފައެވެ.
ސުލައިމާން ވިދާޅުވީ މުބާރަކް ގެންދަވަނީ އޭނާގެ ވެެރިކަމުގައި ދެންއޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި މިސްރަށް ދިމުޤްރާތީ އިސްލާޙްތައް ގެނައުމުގެ ރޯޑްމެޕެއް އެކުލަވާލައްވައި އެއާއެއްގޮތަށް މަސައްކަތް ކުރަމުންނެވެ.
މިމޭރުމުން ޢުމަރު ސުލައިމާން ވާހަކަ ދައްކަވިއިރު މުބާރަކްގެ ވެރިކަމާ ދެކޮޅަށް އުތުރިއަރަމުން ގެންދާ މިސްރުގެ ރައްޔިތުން ބުނަމުން ގެންދަނީ މުބާރަކްގެ ވެރިކަން ވައްޓާލެވެންދެން މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމުގައެވެ. އަދި މުބާރަކް ވެރިކަމުގައި ހުންނަވައިގެން މިސްރަށް އެއްވެސް އިސްލާޙެއް ނުގެނެވޭނެ ކަމަށާއި ޢުމަރު ސުލައިމާނަކީވެސް މުބާރަކްފަދަ ބޭފުޅެއް ކަމުގައެވެ.
މުޙައްލިލުން ދެކޭގޮތުގައި ރައްޔިތުންގެ އުތުރިއެރުމާއެކުވެސް މުބާރަކަށް ވެރިކަމުގައި ހުންނެވެނީ އަދިވެސް ސިފައިންގެ ތާއީދު އޭނާއަށް އޮތުމުގެ ސަބަބުންނެވެ. ސިފައިން އަދިވެސްތިބީ ރައްޔިތުންގެ ކުރިމަތީގައި މުބާރަކްގެ ޚުދުމުޚްތާރު ނިޒާމް ދިފާޢުކުރާ ގޮތަށެވެ. ސިފައިންގެ ތާއީދު ގެއްލޭ އިރަށް މުބާރަކް ޤައުމުން ބޭރަށް ފިއްލަވާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. -- އަލްޖަޒީރާ
މުބާރަކްގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ރައްޔިތުން އެދޭ އެދުންތަކަށް ނައިބު ރައީސް ޢުމަރު ސުލައިމާން ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ