މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ގުޅޭތީ ކުރާ ވިއްސާރަ: މެޓް އޮފީސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ގުޅޭ ދުވަސްވަރަށްވާތީ ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހަށް ކުރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވާރޭވެހޭއިރު ބައެއް ސަރަހައްދުތަކަށް ގުގުރި ނަމަވެސް އާންމު ގޮތެއްގައި ކަނޑުތައް މަޑުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާނީ ކުރިއަށް އޮތް މެއި މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން ކަމަށާއި އޭރުން ގިނަ ދުވަސްތަކަކަށް ވިއްސާރަ މޫސުން ދެމިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ހުޅަނގު މޫސުން ފެށޭ ދުވަސް ކަމަށްވާ ދިވެހިން ބަލަމުން ގެންދާ އައްސިދަ ނަކަތް އިއްޔެ ވަނީ ފެށިފަ އެވެ. ނަމަވެސް ޖުމްލަ 18 ނަކަތް ހިމެނޭ ހުޅަނގު މޫސުން ފެށުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބަލަނީ ރާއްޖޭގެ ހުޅަނގުން ވައި ޖެހެން ފެށުމުންނެވެ.
މިއަދުގެ މޫސުމާ ގުޅޭގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަަމަށާއި އަދި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ