ހަ ވަނަ މައިލޯ އިންޓަ ސްކޫލް ކުރިކެޓް ލީގުގެ ކުޅުން މިއަދު ފަށައިފި

ހަ ވަނަ މައިލޯ އިންޓަ ސްކޫލް ކުރިކެޓް ލީގުގެ ކުޅުން މިއަދު ފަށައިފި އެވެ.
މިމުބާރާތުގައި މިއަހަރު ޖުމްލަ 11 ސްކޫލަކުން ވާދަ ކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން އެއުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރު ފުރާއެވެ.
މިމުބާރާތުގެ ކުޅުން މިއަދު ފަށާފައި ވަނީ 14 އަހަރުން ދަށުގެ ބައިންނެވެ.
މިމުބާރާތުގައި ވާދަކުރާ ހުރިހާ ސުކޫލެއްގެ ޓީމްތަކަށް ކުރިކެޓް ބޯޑުގެ އެހީގައި ޖާޒީ ވެސް ދީފައި ވާއިރު، 14 އަހަރުން ދަށުގެ ބައިގެ މެޗްތައް ނިމުމުން ދެން ފަށާނީ 16 އަހަރުން ދަށުގެ މެޗްތައް ކަމަށާއި 12 އަހަރުން ދަށުގެ ބައިގެ މެޗްތައް ފަށާނީ އެންމެ ފަހުން ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
މިމުބާރާތުގައި ބައިވެރިވި ސްކޫލް ތަކަކީ ޖަމާލުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ކަލާފާން ސްކޫލް، އިސްކަންދަރު ސްކޫލް، އިމާދުއްދީން ސްކޫލް، ބިލަބޮންގ، މުހްޔިއްދީން ސްކޫލް، ތާޖުއްދީން ސުކޫލް، އަހުމަދިއްޔާ، މަޖީދިއްޔާ ސުކޫލް އަދި ގިޔާސުއްދީން ސުކޫލެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނި އެއް ނަންބަރު ކުރިކެޓް ދަނޑުގައެވެ. އަދި މިމުބާރާތުގެ މެޗް ތައް ކޮންމެ ދުވަހެއްގެ 3:00 އިން ހަވީރު 5:30 އަށް ކުރިއަށްދާއިރު، ކޮންމެ ދުވަހަކު ވެސް ޖުމްލަ ހަތަރު މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ