އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަދު ފުރަތަމަ ޝަހީދު ކޮށްލާފައިވަނީ، އިސްރާއީލު-ޣައްޒާ ގުޅޭ އިމުގައި މުޒާހަރާ ކުރަމުންދިޔަ، އުމުރުން 16 އަހަރުގެ ކުއްޖެކެވެ.
އަލްބުރެއިޖް ކޭމްޕްގެ އިރުމަތިން އިސްރާއީލުން އިން ވަކިކުރަން ޖަހާފައިވާ ފެންސް ކައިރީގައި އުޅެނިކޮށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހާފައިވަނީ ފަލަސްތީނު ކުއްޖާގެ މެޔަށް ކަމަށް ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން ހަމަލާދިނުމުގެ ސަބަބުން ފަލަސްތީނުގެ އިތުރު ދެ ޒުވާނުން ޒަޚަމްވެފައިވާ ކަމަށްވެސް ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އިސްރާއީލުގެ އުދުވާނީ ބާރުތަކުންވަނީ ފަލަސްތީނުގެ އިތުރު ޒުވާނެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު ޒުވާނަކު ޝަހީދު ކޮށްލާފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގައި ފަލަސްތީނު ޒުވާނުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީއެއްގައި ދިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިޔަކަށް ފަލަސްތީނު މީހަކު ހަމަލާދީ އެމީހާ އިހަށްދުވަހު މަރާލުމާ ގުޅިގެން އިސްރާއީލު މީހާއަށް ހަމަލާދިންމީހަކު ހޯދަން އިސްރާއީލު ސިފައިން މިހާރުވެސް ގެންދަނީ ނާބުލުސް ކައިރީގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ރަސްމީގޮތުން ގަބޫލުކޮށް ޓްރަމްޕް އެކަން އިޢްލާންކުރި ފަހުން ފަލަސްތީނުގައި އެކަމާ ނުރުހުން ފާޅުކޮށް ހިނގަމުންދާ މުޒާހަރާތަކަށް އިސްރާއީލު ސިފައިން ބަޑިޖަހައި މިހާތަނަށް ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ