ރޭޕް ތުހުމަތުގައި ވަކިކުރި ރިޝީފަށް ވަޒީފާ ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރަން އިރުޝާދު ދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ރިޝީފް ތޯހާ އަށް ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން އެގޮތަށް ހުކުމްކުރީ އެ މައްސަލައިގެ ތުހުމަތުގައި 2010 ގައި ރިޝީފް ވަޒީފ ާއިން ވަކިކުރުމުން އޭނާ އަށް ވަޒީފާ ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ރިޝީފަށް ވަޒީފާ ދޭންޖެހޭނެ ކަމަށް 2012 ގައި ހައި ކޯޓުން ހުކުމްކުރި ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުން ނިންމާފައި އޮތީ އޭނާ އަށް ވަޒީފާ ދޭން ނުޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވަވަމުން އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ފުލުހުންގެ ކާރެއްގެ ތެރޭގައި ބަޔަކު އަންހެން ކުއްޖާއާ މެދު ބަދު އަޚުލާގީ އަމަލު ހިންގި ނަމަވެސް އެކަމަށް ރިޝީފް އިރުޝާދު ދިން ކަމަށް އެ ކުއްޖާގެ ބަޔާނުގައި ބުނެފައި ނެތް ކަމަށެވެ. އަދި އެ ހާދިސާ ހިނގި ރޭ އެ ކާރުގައި ތިބި މީހުންނަށް ރިޝީފް ގިނަ އަދަދަކަށް ގުޅާފައި އޮތުމަކީ އެ އަމަލު ހިންގުމުގައި ރިޝީފް ބައިވެރިވިކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ. އެ އަންހެން ކުއްޖާއާ މެދު އެފަދަ އަމަލެއް ހިންގުމަށް ރިޝީފް އިރުޝާދު ދޭ ކަމުގެ އެއްވެސް ފޯން ކޯލް ރިކޯޑިން އެއް ވެސް ނެތްކަން ފަނޑިޔާރު އާދަމް ފާހަގަ ކުރެއްވި އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ އަންހެން ކުއްޖާ އަރުވައިގެން އެ ކާރު އެރޭ ދުއްވުމަށް ފަހު، ފަރީދީމަގުގައި ހުންނަ ވެލި ބަސްތާތަކެއްގެ މައްޗަށް ބަރަހަނާ ހާލުގައި އެ ކުއްޖާ އެއްލާލާފައި ދިއުމުން އެ ކުއްޖާ އޮރިޔާން ނިވައި ކޮށްދިނުމަށް ރިޝީފް ޓީޝާޓެއް ގެނެސް ދިނުމަކީ އެކަމުގައި ރިޝީފް ބައިވެރިވިކަން ދަލީލުކޮށްދޭ ކަމެއް ނޫނެވެ. އަދި އެފަދަ ހާލެއްގައި ހުރި މީހެއްގެ އޮރިޔާން ނިވައިކޮށް ދިނުމަކީ އިސްލާމީ ރީތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ފަނޑިޔާރު އާދަމް ފާހަގަ ކުރެއްވި އެވެ. ފަނޑިޔާރު އިތުރަށް ވިދާޅުވީ ރިޝީފް ވަޒީފާ އިން ވަކިކުރީ އެކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައިވާ ކަމަށެވެ. ނަމަވެސް ތުހުމަތެއްގެ މައްޗަށް ބިނާކޮށް މީހަކާ މެދު ފިޔަވަޅު އެޅުމަކީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ. އެހެންވެ ރިޝީފަށް ވަޒީފާ ދިނުމަށާއި އޭނާ ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށް އަންގައި ހައި ކޯޓުން ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް އެ މައްސަލަ ސުޕްރީމް ކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ. ފަނޑިޔާރު އާދަމް ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ރިޝީފަށް ވަޒީފާ ދޭން އަންގައި ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ރިޝީފް ކުރިން ހުރި ފެންވަރު ވަޒީފާއެއް އޭނާއަށް ދޭންޖެހޭނެ ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގައި މެދުކެނޑުނު މުއްދަތު ގުޅުވައިދޭން ޖެހޭނެ ކަމަށް ވެސް ހައި ކޯޓުން އޮގަސްޓް، 2012 ގައި ކުރި ހުކުމުގައިވެ އެވެ. ރިޝީފަށް ވަޒީފާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމިއިރު ފުލުހުން ކުރިން ބުނެފައިވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކުރާ މީހުންނަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން ހުކުމް ނުކުރާހާ ހިނދަކު ވަޒީފާ ނުދޭނެ ކަމަށެވެ. އެހެންވެ ރިޝީފަށް ވަޒީފާ ދޭން ހައި ކޯޓުން ހުކުމްކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާއަށް އެ ވަޒީފާ ދީފައެއް ނުވެއެވެ. އެ މައްސަލައިގެ ތުހުމަތުގައި ރިޝީފްގެ އިތުރުން އިތުރު ހަތަރު ފުލުހަކު ވެސް ފުލުހުންގެ ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް އެ އެންމެންނަށް ވެސް ވަޒީފާ ދޭން ހައި ކޯޓާއި ދަށު ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ