ހައި ކޯޓު ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދާ ހަވާލުކޮށްފި

ހައި ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކޮށްފި އެވެ. ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގައި ޖޭއެސްސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު ހަމީދާ އެ ކޯޓު ހިންގުން ހަވާލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާއާ ކޯޓުން ހިންގުން ހަވާލުކުރީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވަނީ އެނގިފަ އެވެ. ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ. އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ފަނޑިޔާރު ވެސް މެއެވެ. މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރުގެ އަބްދުލްޣަނީ މުހައްމަދާއި އެ ކޯޓު ހިންގަން ހަވާލުކުރިތާ މާގިނަ ވަގުތެއް ނުވަނީސް އެ ކޯޓު ހިންގުން ވަނީ ފަނޑިޔާރު އަބްދުއްރައޫފާ އަލުން ހަވާލުކޮށްފަ އެވެ. ފަނޑިޔާރު ރައޫފަކީ އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޑް ކުރި ފަހުން އެ ކޯޓު ހިންގަމުންދިޔަ ފަނޑިޔާރެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން މަހު އިސް ފަނޑިޔާރު ސަސްޕެންޑްކުރި ފަހުން މިއަދާ ހަމައަށް ވެސް ހައި ކޯޓުގައި ދާއިމީ އިސް ފަނޑިޔާރަކު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ