އަވަސް އިންތިޙާބެއްގެ އަޑު ވަރަށް މަޑުވެއްޖެ – މައުމޫން

ފެބްރުއަރީ 7 ވަނަ ދުވަހު މިއައި ގާނޫނީ އަދި ދުސްތޫރީ ބަދަލާއި ގުޅިގެން ބައެއް ފަރާތްތަކުންނާއި އެފަރާތްތަކަށް އެހީވާ ފަރާތްތަކުން ވެސް އަވަސް އިންތިޙާބެއްގެ ވާހަކަދެއްކި ކަމަށާއި އެކަމަކު މިހާރު އަވަސް އިންތިޙާބެއްގެ އަޑު ވަރަށް މަޑުވެއްޖެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން މިރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އަވަސް އިންތިހާބަކަށް ގޮވާލި ފަރާތްތަކަށް ވެސް އިންތިހާބެއް ބޭއްވިކަން އިނގިއްޖެ ކަމަށާއި އެއީ ތިމަރަފުށި، ކާށިދޫ ދާއިރާގެ އިތުރުން ކުމުންދޫ އާއި މާފުށީގެ އަވަސް އިންތިހާބު ކަމަށެވެ.
"މިހާރު އަވަސް އިންތިހާބުގެ ވާހަކަ ވަރަށް މަޑުވެއްޖެ، އަޅުގަނޑާ ބައްދަލުކުރައްވާ ބޭރުގެ ފަރާތްތަކުން ވެސް އެވާހަކައެއް މިހާރު ނުދައްކާ، އެބޭފުޅުންނަށް އިނގިއްޖެ އަވަސް އިންތިހާބެއް ބާއްވައިފިކަން، އެއީ ތިމަރަފުށީ ދާއިރާ އާއި ކާށިދޫ ދާއިރާ އާއި ކުމުންދޫ އާއި މާފުށީގެ އަވަސް އިންތިހާބު، މިހުރިހާ އިންތިހާބެއް ކާމިޔާބުކުރީ އަޅުގަނޑުމެން، އެބޭފުޅުންނަށް އިނގޭނެ ދެންވެސް އަވަސް އިންތިހާބެއް ބާއްވައިފިއްޔާ ކާމިޔާބު ކުރާނީ އަޅުގަނޑުމެންކަން." ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން އިއްތިހާދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއްކަން އިނގިގެން ހިގައްޖެ ކަމަށާއި އެހެންކަމުން މިއީ ބާޣީ ސަރުކާރެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރު ބަޔަކު ވެސް ރާއްޖެއަށް ހެޔޮ ނިޔަތެއްގައިދޭ ނަސޭހަތް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ގާނޫނާ ހިލާފަށްދައްކާ ވާހަކަ އަޑު އަހާ އެކަން ގަބޫލު ކުރަން ނުޖެހޭނެ ކަމަށެވެ.
ގިނަ އަދަދެއްގެ ޕީޕީއެމް މެމްބަރުން ބައިވެރިވި މި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ އެންމެ މަގުބޫލް އަދި އެންމެ ޒުވާނުން ގިނަ ޕާޓީއަށް ހަދަންޖެހިފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމް އާއި ގުޅިފައިވެ އެވެ. މި ޒުވާނުންގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ