ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:15 އިން ހެނދުނު 11:00 އާއި ދެމެދުގެ ވަގުތަށެވެ. މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓް އޮފީހުން ނިމުތުކުރާގޮތުގައި ރާއްޖޭގެ އެކި ހިސާބަށް މިއަދު ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ވަރަށް މިއަދު އަންދާޒާކޮށްފައިވާގޮތުގައި ދެކުނުގައި ދެ ފޫޓާއި ހަތަރު ފޫޓު އުސްމިނަށް އަދި އުތުރުގައި ތިން ފޫޓާއި ހަ ފޫޓު އުސްމިނަށް ރާޅު ހުންނާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ