ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ފާރިޝް މައުމޫން ވާދަކުރައްވަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާރިޝް މައުމޫން ވާދަކުރެއްވުމަށް ނިންމައިފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ފާރިޝް ވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށްޓަކައި ޕީޕީއެމް އޮފީހަށް ފޯމް ވެސް ހުށަހަޅުއްވާފައެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ޕީޕީއެމްގެ މެންބަރުންނަށް އެޕާޓީން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ވަނީ ހަމަވެފައެވެ.
ފާރިޝް އާއިއެކު ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމް އާއި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އެކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލްއެވެ.
މި އިންތިހާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަށް ވަކި ދާއިރާތަކަކުން އިވެލުއޭޓް ކުރެވޭނެއެވެ. އެ ކަންތައްތަކަކީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި، ޕާޓީގެ ފިކުރު ހިފެހެއްޓުމާއި، ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދީފައިވުން އަދި ޕާޓީއަށް ހިދުމަތް ލިބިފައިވާ މިންވަރެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ މި ދާއިރާތަކުން 75 ޕަސެންޓް ލިބޭ ފަރާތްތަކަށް ކަމަށް ވެސް ޕީޕީއެމުން މައުލޫމާތުދެއެވެ. އިންތިހާބުގައި ވާދަކުރުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެކަކަށްވުރެ ގިނަ ފަރާތްތަކަށް އެ އަދަދަށް މާކްސް ލިބިއްޖެނަމަ، އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.
އަދި އިންތިހާބުގައި ވާދަކުރުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް 75 ޕަސެންޓް މާކްސް ނުލިބިއްޖެނަމަ، އިތުރު ވަގުތު ނެތުމާއެކު، އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށްވެސް ޕީޕީއެމްއިން ހާމަކުރެއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދާނެއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ