އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީ ލިޔުއްވި ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެފި އެވެ.
“އަންހެނަކު އިސްލާމީ ގައުމެއްގެ އެންމެ މަތީ މަގާމު އަދާކުރުމަކީ ޝަރުއީ ގޮތުން ހުއްދަ ކަމެއްތޯ؟” ގެ ނަމުގައި ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ ރޭ ބޭއްވި ހަފްލާއެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ.
ޑރ. އަފްރާޝީމް އަލީ ލިޔުއްވާފައިވާ އެ ފޮތުގައި އަންހެނުން ވެރިކަން ކުރުމާއި ގުޅޭގޮތުން ގުރުއާނާއި ސުންނަތާއި ދީނީ އިލްމުވެރިންގެ ވާހަކަފުޅުތައް ހިމަނާފައި ވެ އެވެ. އެގޮތުން އިސްލާމްދީނުގައި އަންހެނަކަށް އެންމެ މަތީ މަގާމު އަދާކުރުމުގައި ހުރަހެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމަށް ބާރު ދެއްވައި ކީރިތީ ގުރުއާނާއި ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތައް އެ ފޮތުގައި ހިމަނާފައިވެ އެވެ.
މިފޮތަކީ އަފްރާޝީމް ލިޔުއްވައި އޭނާގެ އާއިލާއަށް ހަދިޔާކުރައްވާފައިވާ ފޮތެކެވެ. އާއްމުންނާ ހަމައަށް މި ފޮތް ގެނެސްދެއްވީ، އަފްރާޝީމް އާއިލާގެ ހުއްދައާއެކު މައުމޫން ފައުންޑޭޝަނުންނެވެ.
އެ ފޮތް މައުމޫން ފައުންޑޭޝަނުން ވިއްކަން ނިންމާފައިވަނީ 50 ރުފިޔާ އަށެވެ. އަދި ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ނިންމާފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ، އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ އަވަހާރަކޮށްލި އަފްރާޝީމްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ފާހަގަކޮށްފަ އެވެ.
ޑރ. އަފްރާޝީމް ލިޔުއްވި ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ