ސްވިޑްން އަކީ ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، ހުޅަނގުގެ ގައުމެކެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން ސްވިޑްން އިން އަޅައިފައި ވަނީ އެހެން ހުރިހާ ގައުމުތަކާ މުޅިން ތަފާތު ފިޔަވަޅުތަކެކެވެ. އެތައް ގައުމުތަކެއް ލޮކްޑައުން ކުރިއިރު ސްވިޑްން ލޮކްޑައުންއެއް ނުކުރި އެވެ. އެ ގައުމުން ގަސްތުކުރީ ވައިރަހާ ކުރިމަތިލައި، ވައިރަސް މައްޗަށް ކާމިޔާބު ހޯދާށެވެ؛ ވައިރަސް އަށް ފިލައި، ލޮކްޑައުންގައި ތިބުމަށްވުރެ ވައިރަސްއާ ކުރިމަތިލާ "ހާޑް އިމިއުނިޓީ" ހާސިލް ކުރުން އެއީ މަރުވާ މީހުންގެ އަދަދު އާހިރުގައި މަދުވެ، ދާއިމީ ހައްލެއް ލިބޭނެ ކުރުމަގެއް ކަމަށް އެ ގައުމުގެ ސިއްހީ މާހިރުންނަށް ފެނިގެންނެވެ.
ސްވިޑްންގެ ގާނޫނު އަސާސީގައިވާ ގޮތުން އެ ގައުމުގެ ސިއްހީ ހިދުމަތާ ބެހޭ އިދާރާ އަކީ، އެހެން ގައުމުތަކާ ހިލަފާށް، މިނިވަން މުއައްސަސާ އެކެވެ. އެ އިދާރާ އިން މި ފަދަ ކަންކަމާ ގުޅިގެން ނިންމާ ނިންމުންތަކަކީ ސިޔާސީ ލީޑަރުންނަށް ނުފޫޒު ނުފޯރުވޭ، ސައިންސާއި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ މައްޗަށް ބަރޯސާވެގެން ނިންމާ ޓެކްނިކަލް ނިންމުންތަކެކެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން އެ ކަރުދާހަކަށް ބަރޯސާވި އިނގިރޭސިވިލާތުގެ "އިމްޕީރިއަލް ކޮލެޖް" ގެ "ކޮވިޑް19" އާ ގުޅޭ ކަރުދާހުގައި ބުނެފައިވާ ގިނަ ކަންތައްތައް ސްވިޑްންގެ ސައިންސްވެރިން ގަބޫލެއް ނުކުރެ އެވެ. މި ވައިރަސް ފެތުރެން ދޫކޮށްލައިފިނަމަ މިއަހަރު ނިމެންވާއިރު ހަތް ބިލިއަން މީހުންނަށް މި ބަލި ޖެހި، 40 މިލިއަން މީހުން މަރުވެދާނެ ކަމަށް ބުނެފައިވާ ބުނުމަކީ މި ބަލީގެ ނުރައްކާ އޮތް މިންވަރަށް ވުރެ ބޮޑު ކޮށްގެން ބުނެފައިވާ ބުނުމެއް ކަމަށް އެމީހުންނަށް ފެނުނެވެ. މިހެންކަމުން ސްވިޑްން ގަސްތުކުރީ ލޮކްޑައުންކޮށް ގައުމު ހުއްޓުމަކަށް ނުގެންގޮސް އެހެނިހެން ބައެއް ފިޔަވަޅުތަކާއެކު ދިރިއުޅުން ކުރިއަށް ގެންދާށެވެ.
ސްވިޑްން އިން އެޅި ބައެއް ފިޔަވަޅުތައް
ސްވިޑްންގެ 16 އަހަރުން ދަށުގެ ކުދިން ކިޔަވާ ހުރިހާ ސްކޫލްތަކެއްގައި ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. ޔުނިވާސިޓީތަކުގެ ކުދިންގެ ކިޔެވުން އޮންލައިން އަށް ބަދަލު ކޮށްލި އެވެ. ރެސްޓޯރަންޓްތަކާއި ބާތައް ހުޅުވައި، ޚިދުމަތްދިނުން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެތެރޭގައި ތިބޭ ނަމަ ތިބެން ޖެހެނީ މޭޒެއް ކައިރީގައި އިށީނދެގެންނެވެ. ކޮޅަށް ތިބުން މަނަލެވެ. ދެ މޭޒު ދޭތެރޭ ހަ ފޫޓްގެ ދުރުމިނެއް ހުރެ އެވެ. ރެސްޓޯރަންޓް ބޭރުގައި ނަމަ ކޮޅަށް ވެސް ތިބެވިދާނެ އެވެ. ފިހާރަތަކާއި އޮފީސްތައް ހުޅުވައިގެން ހިދުމަތް ދެމުން ގެންދަންވީ އެވެ. ނަމަވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ މީހުންނަށް ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ގައިދުރުކަން ބެހެއްޓުމަށް ނަސޭހަތްތެރިވެފަ އެވެ. ފޭސް މާސްކް އެޅުމުގައި މަޖުބޫރު ކަމެއް ނެތެވެ. ސްވިޑްންގެ މަގުތަކުން ފެންނަނީ އާންމު ދިރިއުޅުމެއް އުޅެމުންދާ މަންޒަރެވެ. އިގްތިސޯދު ހުއްޓުމެއް ނެތެވެ. ސަރުކާރުގެ އޮފީސްތައް ހުރީ ހުޅުވައިފަ އެވެ.
ދުވަސްވީ މީހުންނާއި އެކިއެކި ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންގެންދާ މީހުންނަށް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެމީހުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށާއި އެފަދަ މީހުން ކައިރިއަށް އެހެން މީހުން ޒިޔާރަތް ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި އެފަދަ މީހުން ކައިރިއަށް ޒިޔާރަތްކުރާ މީހުންވެސް ފޭސް މާސްކް އެޅުމަށް ވަނީ އަންގައިފައެވެ. ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކަށް އެއްވެސް މީހަކު ޒިޔާރަތްކުރުން މަނަލެވެ.
ބޮޑެތި ޕާޓިތަކާއި މިއުޒިކް ޝޯ ތަކާއި ކުޅިވަރުގެ ބޮޑެތި އިވެންޓްތައް ބޭއްވުން މަނަލެވެ. ނަމަވެސް 50 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ކޮންމެ ކަމެއް ހުއްދަ އެވެ. މަގުމަތީގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. ގިނަގިނައިން އަތް ދޮވުމާއި، ސެނިޓައިޒާ ބޭނުން ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.
ސްވިޑްންގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން ހުއްޓައެއް ނުލައެވެ. އެއާޕޯޓްތައް އޮތީ ހުޅުވައިފަ އެވެ. ވައިރަސް ޖެހޭ މީހުން ހޯދަން ޓެސްޓް ކުރުމެއް ނެތެވެ. ޓެސްޓް ކުރަނީ ހަމައެކަނި ހޮސްޕިޓަލަށް ގެންދާ މީހުންނާއި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ދާއިރާގައި އުޅޭ މީހުންނެވެ. ބަލި ޖެހޭ މީހުން އެކަހެރި ކުރުމެއް ވެސް ނެތެވެ. ބަލިޖެހޭ މީހުން ވެސް ހަމަ އާންމުންގެ ތެރޭގައި އުޅެންވީ އެވެ. "ކޮންޓެކްޓް ޓްރޭސް" ކުރުމާއި "ކަރަންޓީން" ކުރުމެއްވެސް ނެތެވެ. ވިސްނުމަކީ ދުވަސްވީ މީހުންނާއި އެކިއެކި ބަލިތަކަށް ބޭސްކުރާ މީހުން ނޫން މީހުންނަށް މި ބަލި ޖެހި ރަނގަޅުވުމަށް މަގުފަހި ކުރުމުވެ. -- އިންސާނަކަށް މި ބަލި ޖެހި ރަނގަޅުވުމަށްފަހު ދެން އަލުން ބަލި ޖެހުމަކީ ވަރަށް ދުރު ކަމެކެވެ. އެހެންކަމުން ބަލިޖެހި ރަނގަޅުވުމަކީ ވެކްސިންއެއް ޖެހުން ފަދަ ކަމެކެވެ.
ސްވިޑްންގެ ސަރަހައްދެއް: ވައިރަސް އާ ގުޅިގެން ލޮކްޑައުން އަކަށް ނުދޭ
ހަރޑް އިމިއުނިޓީއާ ދިމާލަށް
ލުއި ބައެއް ފިޔަވަޅުތަކާއެކު، މި ވައިރަސް އާބާދީގެ ތެރެއިން ދަތުރު ކުރުމަށް ދޫކޮށްލުމުން، އާބާދީގެ 60 ޕަސަންޓް މީހުންނަށް މި ބަލި ޖެހި ރަނގަޅުވާއިރު، އެ އެންމެންގެ ހަށިގަނޑުގައި އުފެދޭ ދިފާއީ ނިޒާމުގެ ސަބަބުން ވައިރަސް އުފުލައިދޭނެ މީހުން އާބާދީގައި މަދުވެ، މުޅި އާބާދީ ރައްކާތެރިވެގެންދާ "ހާޑް އިމިއުނިޓީ" ގެ ހާލަތެއް އަންނާނެ ކަމަށް ދުނިޔޭގެ ހުރިހާ ސައިންސްވެރިން ވެސް ގަބޫލު ކުރެ އެވެ. ފުރިހަމަ ސިއްހަތުގައި ތިބި ގިނަ ބަޔަކަށް ވައިރަސް ޖެހި އެމީހުން އެބަލިން ރަނގަޅުވުމަކީ، މި ވައިރަސް އިން "ހާޑް އިމިއުނިޓީ" ހާސިލް ކުރުމަށް އޮތް އެންމެ ކުރު، އެންމެ ފަސޭހަ ގޮތް ކަމަށް ސްވިޑްން ގަބޫލު ކުރިއެވެ.
މިކަމަށް ތައްޔާރުވުމުގެ ގޮތުން ވަރަށް މުހިންމު ފިޔަވަޅެއް އެޅިއެވެ. ސްވިޑްންގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގެ އެނދުގެ އަދަދު 526 އިން 1100 އަށް އިތުރު ކުރި އެވެ. މީގެ ބޭނުމަކީ ވައިރަސް ޖެހިގެން އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރު ވެގެން ދިޔައަސް ހޮސްޕިޓަލްތައް ފުރި ބަންޑުންވިޔަ ނުދިނުމެވެ. އަދި އެއްވެސް މީހަކަށް ފަރުވާ ނުދެވިގެން ދުނިޔެ ދޫކުރަން ނުޖެހޭނެކަން ކަށަވަރު ކުރުމެވެ.
ސްވިޑްންގެ ސިއްޚީ އިދާރާއިން މިހާރު ބުނެފައި ވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހު ވައިރަސް "ޕީކް" ވެ، މެއި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ވެރިރަށް ސްޓޮކްހޯމްގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް މި ބަލި ޖެހި ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ބަލި ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މި މެއި މަސް ނިމޭއިރު ސްޓޮކްހޯމްގެ އާބާދީ އަށް "ހާޑް އިމިއުނިޓީ" ހާސިލް ކުރެވޭނެ ކަމަށެވެ.
ބަލީގައި މަރުވި އަދަދު
ބަލިފެތުރެން ދޫކޮށްލައިފިނަމަ މުޅި ދުނިޔެއިން 40 މިލިއަން މީހުން މަރުވެދާނެ ކަމަށް ފުރަތަމަ އަންދާޒާ ކުރެވުނު ނަމަވެސް، މެއި މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު މި ބަލީގެ ސަބަބުން ސްވިޑްންގައި މަރުވީ 3040 މީހުންނެވެ. އައިސީޔޫގައި ގައިމް ކުރެވުނު އެނދުގެ ތެރެއިން 20 ޕަސަންޓް އެނދު އަދިވެސް ހުރީ ބޭނުން ކުރަން ނުޖެހި، ހުހަށެވެ. އަވަށްޓެރި އެހެނިހެން ގައުމުތައް ކަމަށްވާ ޑެންމާކް، ނޯވޭ އަދި ފިންލެންޑް ފަދަ ލޮކްޑައުން ކުރި ގައުމުތަކަށް ބަލާއިރު ސްވިޑްންގައި މަރުވި މީހުންގެ އަދަދު ގިނައެވެ. ނަމަވެސް ލޮކްޑައުން ކުރި އިނގިރޭސިވިލާތް، ސްޕެއިން، ފްރާންސް، ނެދަލެންޑްސް އަދި ބެލްޖިއަމް ފަދަ ގައުމުތަކާ އަޅާބަލާއިރު މަރުވީ ނިސްބަތުން ކުޑަ އަދަދެކެވެ.
މި މެއި މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު، ސްވިޑްންގައި މަރުވެފައިވަނީ އާބާދީގެ ކޮންމެ އެއް މިލިއަން މީހަކަށް 298 މީހުންނެވެ. އިނގިރޭސިވިލާތުގައި ކޮންމެ އެއް މިލިއަން މީހަކަށް 460 މީހުން މަރުވިއިރު ފްރާންސްގައި މި އަދަދު ހުރީ 387 ގައެވެ. އަދި ނެދަލޭންޑްސްގައި 306 ގައެވެ. ސްވިޑްންއާ އާބާދީގެ ގޮތުން ދާދި އެއްވަރު ގައުމެއް ކަމަށްވާ ބެލްޖިއަމް، ފުރަބަންދު ކޮށްފައި އޮތް އިރުވެސް މަރުވި މީހުންގެ އަދަދު ވަނީ ސްވިޑްން އަށް ވުރެ ދެގުނަ ބޮޑުވެފަ އެވެ.
ސްވިޑްން މި ސާބިތުކޮށްދިނީ، ފުރަބަންދު ކުރުމީ މީހުން މަރުވުން މަދުކުރެވޭ ސަބަބެއް ނޫން ކަމަށާއި، މީހުން މަރުވުން މަދުކުރެވެނީ ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އައިސީޔޫގައި އެނދު ހުރެގެން ކަމަށެވެ.
އދ. ގެ ސިއްހީ މާހިރުން ދެކޭ ގޮތް
ސްވިޑްން މި ބޭނުންކުރި ސްޓެރެޓަޖީ އަކީ ބައެއް ސައިންސްވެރިންގެ ފާޑުކިޔުން ރައްދުވި ސްޓްރެޓަޖީ އެކެވެ. ނަމަވެސް އދ. އިން ވަނީ ސްވިޑްންގެ މި ސިޔާސަތަކީ ކާމިޔާބު ސިޔާސަތެއް ކަމަށާއި މިއީ މުސްތަގުބަލްގެ މޮޑެލް ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެން އާދައިގެ ދިރިއުޅުމަކަށް އަނބުރާ ދާން އެދޭނަމަ ސްވިޑްން އެ ދައްކައިދެނީ މުސްތަޤްބަލްގެ މޮޑެލް އެއް" އދ. ގެ އިމަޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ. މައިކަލް ރަޔަން ވިދާޅުވި އެވެ.
ސްވިޑްންގެ މި މޮޑެލް ކާމިޔާބުވެއްޖެ ކަމަށް ނިންމަން އަދި އަވަހެވެ. ނަމަވެސް މަރުވި މީހުންގެ އަދަދާއި އިގްތިސޯދަށް ލިބުނު ގެއްލުމާ މި ދެކަމަށް ބަލާއިރު ސްވިޑްންގެ މޮޑެލް އެތައް ތަނަކުން ކާމިޔާބު ކަމަށް މިއަދު ވެސް ބުނަން ޖެހެއެވެ.
އަމިއްލަ ފަރާތްތަކުން ކުރާ ހަރަދުތައް ބަލާ އެއް މިންގަނޑު ކަމަށްވާ ބޭންކް ކާޑުގެ ބޭނުންކުރާ މިންވަރަށް ބަލާއިރު، ސްވިޑްންގައި ބޭންކް ކާޑް ބޭނުންކުރާ މިންވަރު 30 ޕަސަންޓް ދަށަށް ދިޔައިރު، ލޮކްޑައުންގައި އޮތް އަވަށްޓެރި ނޯވޭގައި 66 ޕަސަންޓް އަދި ފިންލެންޑްގައި 70 ޕަސަންޓް ދަށަށް ގޮސްފައި ވެއެވެ. ލޮކްޑައުންގައި އޮތް އިނގިރޭސި ވިލާތަށް ދުވާލަކު 2.4 ބިލިއަން ޕައުންޑްގެ ގެއްލުންވަމުން ދާއިރު ރާއްޖޭގެ އިގްތިސޯދަށް ދުވާލަކު 15 މިލިއަން ޑޮލަރުގެ ގެއްލުން ލިބެމުން އެބަދެއެވެ.
ލޮކްޑައުން ނުކޮށް މި ވައިރަސް ބަލި ކުރެވިދާނެ ކަން ސްވިޑްންއިން ސާބިތު ކޮށްދީފިނަމަ، ގައުމުތައް ލޮކްޑައުންކުރި ކުރުން ވެގެން ދާނީ މި ފަހުގެ ތާރީހުގައި ގައުމުތަކުގެ ވެރިންނަށް ނިންމުނު އެންމެ ގެއްލުން ބޮޑު ނިންމުމަށެވެ. ލޮކްޑައުން ކުރުމަށް ލަފާ ދެއްވި ޑޮކްޓަރުންނާއި ސައިންސްވެރިން އެ ފަދަ ކަމެއް ކުރުމަށް ލަފާ ދެއްވީ ކިހާވަރަކަށް މި ވައިރަސް ދިރާސާކޮށްފައިތޯ ސުވާލު ކުރެވޭނެކަން ޔަގީނެވެ.
ސްވިޑްންގެ މޮޑެލް އަށް ބަލައިލުމުން ޔަގީންވަނީ، ގައުމުތަކުގެ އިގްތިސޯދު ހޭނައްތާފައި، އެންމެން ގެއަށްވަދެ ފިލާ ތިބުމަކުން މީހުން މަރުވުން މަދު ނުކުރެވޭ ކަމެވެ. ކުރެވޭ ހަމައެކަނި ކަމަކީ ބަލި ފެތުރޭލެއް ލަސް ކުރުމެވެ. އެހެން ކަމުން، ދާއިމަށް މި ވައިރަސް އިން ސަލާމަތް ވެވެން އޮތީ ވެކްސިންއެއް ލިބިގެން ނުވަތަ "ހާޑް އިމިއުނިޓީ" ލިބިގެންނެވެ.
އުމަރު ނަސީރުގެ ލިޔުމެއް: ސްވިޑްންގެ ލޮކްޑައުން ކުރުމެއް ނެތް މޮޑެލް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ