ފަތުވާ ދިނުމުގެ ފެންވަރު ނެތް މީހުން ފަތުވާ ދިނުމަކީ މައްސަލައެއް: ރައީސް މައުމޫން

ފަތުވާ ދިނުމުގެ ފެންވަރު ނެތް މީހުން ފަތުވާ ދިނުމަކީ މައްސަލައެއް ކަމަށާއި އެކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. މިސުރުގެ އިސްލާމީ ފަތުވާ ދޭ މަރްކަޒު ދާރުލްއިފްތާއިން އިންތިޒާމްކޮށްގެން މި މަހު މިސްރުގެ ވެރިރަށް ގާހިރާގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ފަތުވާ ދިނުމަކީ ވަރަށް މޮޅަށް ދީނީ ތައުލީމު ހުންނަ ބޭފުޅުންނަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ. "ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތާއި އިޖުމާއުއާއި ދީނުގެ ޝަރުއީ އެހެން ދަލީލިތަކާއި އަދި އެ ދަލީލުތަކުން ހުކުމް ނެރޭނެ ގޮތާއި އަދި ދީނުގެ އާންމު އުސޫލުތައް ދެނެގަންނަ މީހުންނަށް ނޫނީ ފަތުވާ ނުދެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ މިހާރަކަށް އައިސް މާބޮޑަށް ވަކި ފަރާތަކަށް ޖެހިގެން ފަތުވާ ނެރެމުން ބައެއް ފަރާތްތަކުން އަންނަ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ފަތުވާ ދިނުމުގެ ފެންވަރު ނެތް މީހުން ފަތުވާ ދިނުމުގެ ސަބަބުން އިސްލާމް ދީނުގައި ހަރާމް ކަންތައްތައް ހަލާލު ކުރަމުން އަންނަ ކަމަށާއި ހަލާލު ކަންތައްތައް ހަރާމް ކުރަމުން އަންނަ ކަމަށެވެ. "މުސްލިމުންނަށް އުޅެން ޖެހިފައި މިވަނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި. ކޮބައިކަން ރަނގަޅު ގޮތަކީ ކޮބައިކަން ގޯސް ގޮތަކީ ނޭނގޭ ހިސާބަށް ގޮސްފައި ވަނީ،" ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވީ މިސްރުގައި އޮތް ކޮންފަރެންސުގައި އެ ކަންތައްތަކަށް މަޝްވަރާ ކުރެވި ވަކި ހާއްސަ ގަރާރުތަކެއް ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ފަތުވާ ދިނުމުގެ ބައިނަލް އަގުވާމީ އިދާރާއެއް މިސްރުގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ފަތުވާ ދިނުމާއި ގުޅޭ ޗާޓަރެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް މައުމޫންގެ ވާހަކަފުޅުފައި ވިދާޅުވި އެވެ. "ހުރިހާ ގައުމުތަކުގެ ވެސް އިލްމުވެރިން އެއްބަސްވާ އުސޫލުތަކެއް ހެދުން. އެ އުސޫލުތަކާ ހިލާފަށް އެ އުސޫލުތަކުގެ ބޭރުން ފަތުވާ ނުދެވޭ ގޮތަށް. ހަމަ އެހެންމެ ދީނީ ފަތުވާ ދިނުމުގެ ފެންވަރު ނެތް މީހުންނަށް ފަތުވާ ނުދެވޭ ޗާޓަރެއް މި އެކުލަވާލީ. އަދި ފަތުވާއާ ގުޅޭ ޓުރެއިނިން ކޯސްތަކެއް ހިންގުން." ރައީސް މައުމޫންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ