ޓްރެެވިންޑްރަމް އެމްބަސީގެ ތިޖޫރީ އިން އަމިއްލަ ބޭނުމަށް ފައިސާ ނެގި: އޮޑިޓް

އިންޑިޔާގެ ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ތިޖޫރީ އިން އަމިއްލަ ބޭނުމަށް ފައިސާ ނަގާފައިވާ މައްސަލައެއް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން ދައުލަތުގެ އެއްވެސް ފައިސާއެއް ހަވާލުވެ ހުރި މުއައްޒަފަކު އެ މުއައްޒަފެއްގެ އަމިއްލަ ކަމަކަށް ބޭނުންކޮށްގެން ނުވާނެ އެވެ. އަދި އެހެން ފަރާތެއްގެ އަމިއްލަ ބޭނުމަށް ދީގެން ވެސް ނުވާނެ ކަމަށް އެ ގަވައިދުގައިވެ އެވެ.
ނަމަވެސް ފޮރިން މިނިސްޓްރީގެ އޮޑިޓުގައި ބުނެފައި ވަނީ ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ތާޑް ސެކެޓަރީގެ އަމިއްލަ ބޭނުމަކަށް 100،000 އިންޑިއަން ރުޕީސް (24،094 ރުފިޔާ) ނަގާފައިވާ ކަމަށާއި އިންޓަނެޓް ބެންކިން މެދުވެރިކޮށް އެ ފައިސާ ކޮންސިއުލޭޓުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ޕެޓީ ކޭޝްގެ ފައިސާ އިން ކޮންސުލްގެ މަގާމުގައި ހުރި މުއައްޒަފެއްގެ އަމިއްލަ ބޭނުމަށް ޖުމުލަ 32،933 ރުފީސް (7،935 ރުފިޔާ) ވެސް ހަރަދުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ތިޖޫރީގައި ހުރި ފައިސާގެ މިންވަރު ބަލާ ޗެކްކޮށް ހިސާބު ރަނގަޅުތޯ ހަދަން ޖެހޭ ކަމަށް މާލިއްްޔަތު ގަވައިދުގައި ބުނެފައިވީ ނަމަވެސް އެ ކޮންސިއުލޭޓްގެ ތިޖޫރީގެ އެއްވެސް ލިޔެކިޔުމެއް ގަވައިދާ އެއްގޮތަށް ތައްޔާރުކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ކޮންސިއުލޭޓްއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޔޫޓިލިޓީ އެލަވަންސްގެ ގޮތުގައި ދެވޭ ފައިސައަކީ އެކޮމޮޑޭޝަނާއި އެފަދަ އެހެން ހަރަދުތަކަށް ދޭ އެލަވަންސައެއް ކަމަށާއި އެ ފައިސާ މުއައްޒަފެއްގެ އަތަށް ނުދެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވާ އިރު ޓްރެވިންޑްރަމްގައި ހުންނަ ކޮންސިއުލޭޓުން އަމަލުކޮށްފައި ވަނީ އެ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން އެހެން އެލަވަންސްތަކާއެކީ ޔޫޓިލިޓީ އެލަވަންސްއަށް ކަނޑައަޅާފައިވާ އެންމެ މަތީ އަދަދު މުއައްޒަފުންގެ އެކައުންޓަށް ޖަމަ ކުރަމުންދާ ކަމަށެވެ. އެގޮތުން ޔޫޓިލިޓީ އެލަވަންސްގެ ގޮތުގައި މިލިއަނަކަށް ވުރެެ ގިނަ ރުޕީސް ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ