ޑރ. އަފްރާޝީމްގެ މައްސަލަ އެއީ ކްލޯސްޑް ކޭސް އެއް (ނިމިފައިވާ މައްސަލައެއް) ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މައްސަލައިގައި ލިބިވަޑައިގެންފައި ހުރި މައުލޫމާތުތައް މީޑިއާގައި ހިއްސާ ނުކުރެއްވޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް ޤަތުލުކޮށްލި އިރު، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒް ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމް ގައި ރޭ ވިދާޅުވީ ޕަބްލިކް އޮފީހެއްގެ އެންމެ އިސް މަގާމުގައި ހުންނަވަނިކޮށް ލިބިވަޑައިގަންނަވާ މައުލޫމާތު ތަކަކީ ގާނޫނީ ގޮތުން ބަލާ އިރު އާންމުކޮށް ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ތަހުގީގީ އިދާރާ ތަކުން ބޭނުންފުޅު ވެއްޖެ ނަމަ އެ މަައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.
ޑރ. އަފްރާޝީމްގެ ގަތުކުކޮށްލި މައްސަލައިގެ ތަހުގީގަކީ މި ފަހަކަށް އައިސް ދިވެހި ފުލުހުން އެންމެ ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގި އެއް މައްސަލަ އެވެ. އަބްދުﷲ ރިޔާޒް ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އިރު އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ވަރަށް ކައިރިކައިރީގައި ނޫސްވެރީންނާ މައުލޫމާތު ހިއްސާކުރައްވައިފައިވެ އެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު މި މައްސަލައާ ގުޅޭ އިތުރު އާ މައުލޫމާތެއް ފުލުހުން ވެސް އަދި ދައުލަތުގެ އެހެން މުއައްސަސާ އަކުން ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހ. ލޮބީ، ހުސައިން ހުމާމް، ކްރިމިނަލް ކޯޓު މުއްދަތު މަޖިލީހުގައި ބަޔާން ދެމުން ބުނީ އޭނާ އަފްރާޝީމަށް ކަތިވަޅިއަކުން ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ. އޭނާއާއެކު ހައްޔަރުކުރި ހ. ހިކޯސްޓު، އަލީ ޝާން ބެނެޓް ވަޅިއަކުން ހަމަލާ ދިން ކަމަށް ހުމާމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކަންތައްތައް ހަވާލުކުރީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް ހުމާމް ބުނެފައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު، އެ މައްސަލާގައި ދެން ދައުވާ އުފުލި ޝާންގެ މައްޗަށް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލީފް ރައޫފުގެ އިތުރުން މ. ޖަރީމާގެ އަބްދުﷲ ޖާވިދާއި، މ. ޖަރީމާގެ ޝާހީން މުހައްމަދު އަދި ލ. ގަން ތުނޑި، ނޫއަލި އާދަމް ޞަލާހުއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެމީހުންނަށް ހުކުމެއް އައިސްފައެއް ނުވެއެވެ.
އަފްރާޝީމްގެ މައްސަލަ ނުނިމޭ، އެވާހަކަތައް މީޑިއާގައެއް ނުދެއްކޭނެ: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ