ފަތުވާއަކީ އިތުބާރު ހިފޭ އެއްޗަކަށް ހަދަންޖެހޭ: މައުމޫން

ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކުން ފަތުވާ ދޭއިރު، އެއީ ނަޒާހަތްތެރިކަން ގަބޫލުކުރާ ފަދަ ފަތުވާއަކަށް ހަދަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ މިސްރުގެ ވެރިރަށް ގާހިރާގައި އިއްޔެ ފެށި ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ބާއްވާ ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސްގައި ތަގްރީރު ކުރައްވަމުންނެވެ.
މިސްރުގެ ދާރުލްއިފްތާއިން އިންތިޒާމް ކޮށްގެން "ފަތުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ފަތުވާގެ މުސްތަގްބަލުގެ އުދަރެސްތައް" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ފަތުވާދިނުމުގެ މައްސަލައަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާއި ފަތުވާ ދިނުމުގެ މަގްސަދުތައް ހާސިލްކުރުމަށާއި ފަތުވާގެ މައްސަލައަށް އަމަލީ ހައްލެއް ހޯދައިދިނުމަށާއި ފަތުވާއަށް އޭގެ ޝަރަފުވެރި މަގާމު ހޯދައިދިނުމަށްޓަކައި، މަތިވެރި ޒިންމާއެއް އަދާކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ނެރޭ ފަތުވާތަކަކީ، ހަވާނަފްސުގެ އެދުންތަކާއި ސިޔާސީ މަގްސަދުތަކުން އެއްކިބާވެގެންވާ ފަތުވާއަށް އެބަ ހަދަން ޖެހޭ. ބޭރުގެ ނުފޫޒުން ސަލާމަތްވެފައިވާ އެންމެހާ ރައްޔިތުންނާއި ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކުން އޭގެ ނާޒާހަތްތެރިކަން ގަބޫލުކުރާފަދަ ފަތުވާތަކަކަށް އެބަ ހަދަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވި ގޮތުގައި އެ މަގުސަދުތައް ހާސިލްކުރެވޭނީ އެންމެހާ ފަތުވާތަކަކީ ގުރްއާނާއި ސުންނަތާއި އަދި އިތުބާރު ހުރި އެހެނިހެން ޝަރުއީ ދަލީލުތަކުގެ މައްޗަށް ބިނާވެގެންވާ ފަތުވާތަކަކަށް ހަދައިގެން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގެ ރޫހާއި ދީނުގެ އާންމު އުސުލުތަކާއި ޒަމާނާއި ތަނާއި ގުޅޭގޮތަށް ބައްޓަންވެފައިވާ ލުއިފަސޭހަ ފަތުވާތަކެއް ކަމުގައި ވެގެން ކަމުގައިވެސް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސް މި ބޭއްވެނީ މައުމޫން ވިދާޅުވި ގޮތުގައި ތަފާތު އެކި ފަތުވާ ނެރެމުންދާ ދުވަސްވަރެއްގައި ކަމަށެވެ. އެގޮތުން އެންމެ އާދައިގެ ފިގްހީ މައްސަލަތަކުން ފެށިގެން ބޭންކު މުއާމަލާތްތަކާއި ޖިހާދުކުރުމާއި ހަރުކަށި އަމަލުތައް ހިންގުމާއި މިބާވަތުގެ އެތައް މައްސަލަތަކެއްގައި ފަތުވާތައް ނެރެމުންދާ ދުވަސްވަރެއްގައި ކަމަށެވެ. އޭގެ ނަތީޖާއަކީ މުސްލިމު ރައްޔިތުންގެ ވިސްނުމާއި ހިޔާލަށް ތަފާތު އޮޅުންބޮޅުންތައް އަރާފައިވުން ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އުނދަގޫ މައްސަލަ އުފެދުމުގައި ތަފާތު ގިނަ ސަބަބުތައް ހިމެނެ އެވެ. އޭގެތެރޭގައި ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުތިހާދު ކުރުމުގެ ގަވާއިދުތަކާއި މެދު އެކަށީގެންވާ މިންވަރަށް އިލްމު ލިބިފައި ނުވާ ފަރާތްތަކުން ފަތުވާ ދިނުމަށް ކުރިމަތިލުމާއި ގިނަ އިސްލާމީ ގައުމުތަކުގައި ފަތުވާދިނުން ހައްގުވާ ފަރާތްތައް ނުވަތަ މުއައްސަސާތައް ކަނޑައަޅައިދޭ ގާނޫނުތަކާއި ގަވާއިދުތަކާއި ފަތުވާދޭ މުފްތީންގެ ޝަރުތުތައް ބަޔާންކޮށްދޭ ހަރުދަނާ އާންމު އުސޫލުތަކެއް އެކަށައެޅިފައި ނުވުންވެސް އެއީ ސަބަބެއްކަމުގައި މައުމޫން ވިދާޅުވި އެވެ.
"އިސްލާމްދީނުގައި ހަމަޖެހިފައިވާ ފަތުވާ ދިނުމުގެ އިލްމީ ވަޒީފާއަކީ، އެހެން އެއްވެސް ދީނެއްގައި އެފަދަ ނިޒާމެއް ހަމަޖެހިފައި ނުވާފަދަ ހަރުދަނާ ނިޒާމެއް. އޭގެ މައިގަނޑު ސަބަބަކީ، އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށް ޝާމިލްވާ ދީނެއް ކަމަށްވާތީ. އަދި ކޮންމެ މުޖްތަމައެއްގައިވެސް މި މަތިވެރި ދީނީ ވާޖިބު އަދާކުރާނެ ފަރާތެއް ކަނަޑައެޅިފައިވުމަކީ ލާޒިމުވެގެންވާ ކަމެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން މިސްރަށް ފުރާވަޑައިގަތީ އެގައުމުގެ މުފްތީ ފަޟީލަތުއް ޝައިހް ޑރ ޝައުގީ އިބްރާހީމް އައްލާމް ދެއްވާފައިވާ ދައުވަތަކަށް މިމަހުގެ 15 ވަނަ ދުވަހު އެވެ.
އިއްޔެ އާއި މިއަދު ގާހިރާގައި ބާއްވާ މި ފަތުވާ ކޮންފަރެންސްގައި ދުނިޔޭގެ50 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި ގިނަ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މައުމޫނުގެ މިދަތުރުފުޅުގައި މިއަދު މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީގެ އަރިހަށް، އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ