ތިބާ އާސްމާނުގައި ހުރިއިރު، ގަރީބުންގެ ހާލާއި މެދު ކުޑަކޮށް ވެސް ވިސްނާނުލަމުއެވެ. ތިބާ ކަންތައް ކުރީ ތިބާއަށް އެންމެ ފައިދާ ހުރި ގޮތަށެވެ. ތިބާގެ ދުނިޔެވީ މަގާމު މަތިވެ، މުދަލާއި ފައިސާ ތިބާއަށް އެންމެ ތިޔާގިވާ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރީމުއެވެ. އެހެން މީހުންގެ ނިކަމެތި ކަމާއި މެދު ތިބާ ހަމައެއްގޮތަކަށް ވެސް ފިކުރުކޮށް ނުލަމުއެވެ. ތިބާއަށް އެ ނިކަމެތިކަން ތަހައްމަލު ކުރަން ޖެހިދާނެ ދުވަހެއް އޮތް ކަމާއި މެދު ވިސްނުމެއް ނެތި ބޮޑާކަމާއެކު ތިބާ އުޅުނީމުއެވެ.
ތިބާ މިއަދު ތި ވަނީ ހަމަ ބިމަށް ތިރިވެފައެވެ. އާސްމާނުން ފައިބަންޖެހިފައެވެ. ތިބާ އެއްކުރިހާ މުދަލާއި ފައިސާއިން މިއަދު ވާނެ ހަމަ އެއްކަމެއް ވެސް ނެތެވެ. ތިބާގެ އަތުން އޮޅަމުން ގެންދިޔަ އަނިޔާވެރިކަމުގެ ވާފަށް މިއަދު ތިވަނީ ތިބާގެ ކަރަށް މެހިފައެވެ. ތިބާގެ ދިފާއުގައި މިއަދު ތިބީ ތިބާގެ އަނިޔާވެރިކަމުގައި ކަރުނައެޅި މީހުންނެވެ. ތިބާގެ ފަރާތުން ވަކާލާތު ކޮށްދޭން ތިބީ. ބާރުގައި ތިބާ ހުރިއިރު ތިބާގެ އަނިޔާވެރިކަން ތަހައްމަލު ކުރަން ޖެހުނު މީހުންނެވެ. ތިބާއާ އެއްކޮށް ހީހީފައި އަނިޔާވެރިކަމުގައި ބައިވެރިވި އައުވާނުން މިއަދު ތިބާއާ ދުރަށް މޫނު އަނބުރާލައިފިއެވެ.
މިއީ ދުނިޔެ ހިނގަމުންދާ ބަދަލުވުމެއް ނެތް އުސޫލެވެ. ތިބާއަށް ފިލާވަޅެއް ދަސްވެއްޖެ ހެއްޔެވެ؟ ބޭއިންސާފާއި އަނިޔާވެރިކަމަކީ ވަކި މީހަކާއި ހަމައިން ނިމޭ އެއްޗެއް ނޫންކަން ތިބާއަށް އެނގިއްޖެ ހެއްޔެވެ؟ ނޫނީ އަދިވެސް ތި ގޮޅީގައި ތިބާ ތިއޮތީ ޣާފިލުކަންމަތީގައި ހެއްޔެވެ؟ އަޑުއައްސަވާށެވެ.
ހަމަ އެ ފާލަމެވެ. ހަމަ އެ ސިޑިއެވެ. ހަމަ އެ ލޯންޗެވެ. ހަމަ އެ ކެމަރާތަކެވެ. ހަމަ އެ ހަނާ އެޅުމެވެ. ތިބާ ފަދަ އެއްވަރެއްގެ ބޮޑެތި މަގާމުތަކެވެ. ތަފާތު ވަނީ އެ ފާލަން ހުރަސްކޮށް، އެ ސިޑި މަތިން ގޮސް ލޯންޗަށް އަރުވާ މީހާއެވެ. ތިބާގެ ކުރިން އެ ލޯންޗަށް އެރުވި ހަމަ ކޮންމެ މީހަކީ ތިބާގެ އަނިޔާވެރިކަމާއި ޣާފިލުކަމާއި ނުބައިކަމުގެ ސަބަބުން ގޮޅީގެ ދަތުރަށް އެ ލޯންޗަށް އެރުވި މީހުންނެވެ.
އުއްތަމަ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެވެ. ކޮމިޝަނަރ އޮފް ޕޮލިސް އެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެވެ. ތިބާމެން މަގާމުތަކުގައި ތިބެގެން ތޫނު ކުރި އަނިޔާވެރިކަމުގެ ހަންޖަރު މިއަދު މިވަނީ ތިބާމެންގެ ކަރަށް އަމާޒުވެފައެވެ. ނިޒާމު ރަނގަޅުކޮށް، އިންސާފު ގާއިމްވާ މަންޒަރު ފެނި، އިންސާފު ގާއިމްވާ ކަމަށް ގަބޫލުކުރެވޭ ވަރު ކޮށްދޭށޭ ބުނެ ތިބާމެން ކައިރީގައި ކުރި އާދޭސްތައް މަތިން މިއަދު ހަނދާންވޭތޯއެވެ. އެ ދުވަހު ތިބާމެން ނިޒާމު ރަނގަޅުކޮށް، ހަމަ ކޮންމެ މީހަކީ އިންސާފު ލިބޭ މީހަކަށް ހެދި ނަމަ ތިބާމެން މިއަދު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާވެރިކަން ތި ސިފައިގައި ތަހައްމަލު ކުރަން ޖެހުނީސްތޯއެވެ.
މިއަދު ތި ގޮޅީގެ ހޫނު ކަމާއި ތި ގޮޅިން ލިބޭ އަނިޔާތައް ކޮމިޝަނަރ އޮފް ޕޮލިސް އަށް ތަޖުރިބާ ކުރެވޭނެ އެވެ. ކޯޓުތަކުން އިންސާފު ނުލިބޭ ކަމަށް ރައްޔިތުން ގޮވަމުން ދަނީ ހަމަ ހަގީގަތުގައި ވެސް އިންސާފު ނުލިބޭތީކަން މިއަދު އުއްތަމަ ފަނޑިޔާރަށް ތަޖުރިބާ ކުރެވޭނެ އެވެ. ބޭއިންސާފުގެ މި ހާލީގައި ނިކަމެތި މީހާ އުޅޭނެ ގޮތް މިއަދު އެނގޭނެއެވެ. ކޯޓުތަކަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް މައްސަލަ ނިންމަން އަމުރުކުރި މީހުންނަށް މިއަދު މިވަނީ ހަމަ އެ އަނިޔާވެރިކަން ތަހައްމަލު ކުރަން ޖެހިފައެވެ.
މިއީ މިއަދު ބޮޑެތި މަގާމުތަކުގައި ތިބި ބާރުވެރިންނަށް ދަރުސެކެވެ. އިބްރަތުން ފުރިގެންވާ އެތައް ފިލާވަޅެއް ދަސްކޮށްދޭނެ ހަގީގަތްތަކެކެވެ. ތިބާގެ މަގާމުގެ ޔަގީންކަން އެބައޮތްތޯއެވެ؟ މާދަމާ އިރުއަރާއިރު ނުވަތަ އިރުއޮއްސޭއިރު ތިބާއަށް މި ހާލަތު ކުރިމަތިނުވާނެ ކަމުގެ ކުޑަ ނަމަވެސް ޔަގީންކަމެއް އެބައޮތްތޯއެވެ؟ ބާރުގައި ތިބާ ހުރެ ކޮށާ ހަމަ ކޮންމެ މަގަކީ، ތިބާ ނިކަމެތިވެދާ ދުވަހު ތިބާ ވެސް ހިނގަން ޖެހޭނެ މަގެވެ. މިއީ ދުނިޔެ ހިނގާ ބަދަލުވުމެއް ނެތް އުސޫލެވެ. ކަންކަން ތަރުތީބު ވެގެންދާ ހަމައެވެ. ތިބާއަށް އަދި އަހަންނަށް މި އުސޫލެއް މި ހަމައެއް ބަދަލެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް އޮތީ އަނެކުންގެ ހާލާއި މެދު ވިސްނުމެވެ. އަމިއްލަ ނަފްސަށް ދެރައެއް ނޭދޭ ފަދައިން އަނެކާއަށް ވެސް ދެރައެއް ލިބުމެއް ނޭދުމެވެ. ދެރައެއް ނުދިނުމެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އުއްތަމަ ފަނޑިޔާރެވެ. ބޭއިންސާފުގެ ވާހަކަ ރައްޔިތުން ދައްކާ ސަބަބު މިއަދު ވިސްނިވަޑައިގެންފި ތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ