އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް: އަލީ ނިޒާރު

އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތައް ވެސް ރައީސް ޔާމީނުގެ ސަރުކާރަށް ފުރިހަމަ ކޮށް ނުދެވޭ ކަމަށެވެ.
އައްޑޫސިޓީގެ މަގުތަކުގެ ހާލަތައް ބައްލަވާލައްވަމުން ނިޒާރު ވިދާޅުވީ ވާރޭވެހުނަސް ނުވެހުނަސް ރައްޔިތުންނަށް އެމަގުތަކުގައި އެއްޗިހި ދުއްވާ، ހިނގޭނެ ގޮތެއްވެސް ނެތްކަމަށާ މަގުތައް އޮތީ އެހާ ބޮޑަށް ހަލާކުވެފައި ކަމަށެވެ.
ސިއްހީ ޚިދުމަތްވެސް އޮތީ މިފަދަ ހާލެއްގައި ކަމަށާއި ރައީސް ޔާމީނަށް ފަސް އަހަރުތެރޭ އައްޑޫގައި ހޮސްޕިޓަލެއް ނޭޅުނު ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ހޮސްޕިޓަލެއް އެޅުމަށް ކަމަށް ބުނެ ނަޝީދުގެ ސަރުކާރުން އައްޑޫގައި ހަދާފައި ހުރި ކޮންވެންޝަން ސެންޓަރު ހަލާކުކޮށް ވީރާނާ ކޮށްލުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އައްޑޫ އަކީ ބިން ބޮޑު އަތޮޅެއްކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ހޮސްޕިޓަލެއް އެޅުމަށް ރަނގަޅު ސަރަހައްދަކުން ބިމެއް ދީފައިވާ ކަަމަށާއި، އެހެންނަމަވެސް އެތަނުގައި ހޮސްޕިޓަލް ނާޅާ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ހަދަމުންދާ ކަމަށެވެ. ނިޒާރު ވިދާޅުވީ އެތަނުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާ އެތަނުން ރަނގަޅު ޚިދުމަތެއްވެސް ދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ސަބަބަކީ އާ މެޝިނަރީސްތަކަ އިކުއިޕްމަންޓް ގެނެސްގެން އެހޮސްޕިޓަލް ހިންގުމުގެ ވިސްނުން މިސަރުކާރުގައި ނެތްކަމަށާއ ސަރުކާރުގެ ވިސްނުން ހުރީ އެތައް އަހަރެއްވެފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ދުވަސްވީ ސާމާންތައް ހިފައިގެން ގޮސް އާ ހޮސްޕީޓަލުގައި ބެހެއްޓުމަށް ކަމުގައި ވާތީ ކަމަށެވެ.
ނިޒާރު ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތްވެސް ކުރިއަށްދަނީ ކަހަނބު ސްޕީޑުގައި ކަމަށާ އެކަށިގެންވާ ރަނގަޅު ފެންވަރެއްގައި އެމަސައްކަތްވެސް ކުރެވޭ ތަން ނުފެންނަަ ކަމަށެވެ. އައްޑޫއަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑު އަތޮޅެއްކަން ފާހަގަ ކުރައްވާ ނިޒާރު ވިދާޅުވީ މިސަރުކާރުގެ ފަސްއަހަރު ނިމިގެންދާއިރު އައްޑޫގައި އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ސިޔާސަތެއް ގާއިމްކުރެވިފައި ނެތް ކަމަށާ ތަރައްގީއަށް ކުރެވުނު ކަމެއްވެސް ނެތްކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ އައްޑުގެ ވިޔަފާރިތައްް ބަނގުރޫޓުވެ ތަރައްގީ ފުނޑުފުނޑުވެގެންދާ މަންޒަރުކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުންގެތެރެއިން ހަމަވިސްނޭ އެއްވެސް މީހަކު ރައީސް ޔާމީނަށް ވޯޓު ނުދޭނެ ކަމަށެވެ.
" އޭނައަށް ވޯޓު ދޭމީހަކު ދޭނީ ކޮންމެވެސް އަމިއްލަ އެދުމެއްގައި. އަމިއްލަ އެދުމެއް ނެތި ނުދޭނެ. އަމިއްލަ އެދުމެކޭ މިދަންނަވަނީ ކޮންމެވެސް ނަޖާއިޒު ގޮތެއްގައި ލިބޭ އެއްޗަކަށް ވިސްނައިގެން. އައްޑު ސިޓީގައި ދިރިއުޅޭ މީހަކު އޭނައަށް ވޯޓުދޭންޖެހޭ ސަބަބެއް ނުވިސްނޭ. އޭނަގެ ކިބައިން ފްލެޓެއް ލިބި އޭނަގެ ކިބައިން ވަޒީފާއެއް ލިބި، އޭނަގެ ކިބައިން ކޮންމެވެސް އެއްޗެއް ލިބެންޏާ ރަނގަޅު " ނިޒާރު ވިދާޅުވި.
ނިޒާރު ވިދާޅުވީ އިދިކޮޅު ޕާޓިތަކުގެ ސަރުކާރަކުން ރައީސް ޔާމީނަށް ތާއީދު ކުރަތީ އެއްވެސް މީހަކު ވަޒީފައިން ވަކި ނުކުރާނެ ކަމަށެވެ. ވަޒީފަގެ ޔަގީންކަމަކީ ގާނޫނަކުން ލިބޭ ރައްކާތެރި ކަމެއް ކަމަށާ އެއީ ވެރިކަމުގައި ތިބޭ ބަޔަކުދޭ ޔަގީންކަމަކާ ރައްކާތެރިކަމެއް ނޫން ކަމަށެވެ. ރައީސް ޔާމީނުގެ އުސޫލުން މީހަކު ކަމުނުދާއިރަށް ވަޒީފައިން ވަކިކުރުމަކީ ދަންނަ އުސޫލެއް ނޫންކަމުގައި ނިޒާރު ވިދާޅުވި އެވެ. އެހެންކަމުން ވަޒީފާގެ ބިރަށް ރައީސް ޔާމީނަށް އެއްވެސް މީހަކު ވޯޓުދޭން ނުޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ