އެއާޕޯޓުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން 1.2 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެންނަނީ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ މުހިންމު ތަންތަނުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން 1.2 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެންނަން އޯޑަރުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާދީއްތަ ދުވަހު ވިދާޅުވީ އެއާޕޯޓުގެ މުހިންމު ސަރަހައްދުތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން ޔޫޕީއެސްތަކެއް ހަރުކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އާ އިންޖީނު ގެނެސް އޭޕްރަން ކައިރީގައި މިހާރު ހުންނަ މުސްކުޅި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތަން ނެގެން އަންނަނީ އާ ޖަނަރޭޓަރު ހޯދައިގެން ޕަވާ ހައުސް ވަރުގަދަކޮށްގެން. މިހާރު އެތަނަށް ބޭނުންވާ ޖަނަރޭޓަރު ގެންނަން އޯޑާ ދީފިން،" ޑރ. މަހުފޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ޖަނަރޭޓަރު ގެނެސް އަދި ޔޫޕީއެސް ހަރުކޮށް އެއާޕޯޓުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
އެއާޕޯޓުގައި ޕެސެންޖަރުން އުފުލުމަށް ބޭނުންކުރާ ބަސްތައް ބާވުމުން އާ ބަސްތަކެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ކުރިން ނުދުއްވި ހުރި ބަސްތަކުގެ ތެރެއިން ހަތަރު ބަސް މަރާމާތުކޮށްގެން މިހާރު ދުއްވަން ފަށާފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ބަސް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ