އިންޑިއާގެ 132 އަވަށުގައި އަންހެން ކުއްޖަކު އުފަންވެފައި ނުވާ މައްސަލަ ބަލަނީ

ނިއު ދިއްލީ (ޖުލައި 24) - އިންޑިއާގެ އުތުރުގެ ސްޓޭޓެއްގެ 132 އަވަށުގައި ވޭތުވެދިޔަ ތިން މަސް ދުވަހު ތެރޭ އެއްވެސް އަންހެން ކުއްޖަކު އުފަންވެފައި ނުވާ މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.
ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އުއްތަރަކަންދު ސްޓޭޓުގެ އުއްތަރްކަށި ޑިސްޓްރިކުގެ 500 އަވަށުގައި ވަނީ 947 ކުދިން އުފަންވެފަ އެވެ. އެކަމަކު 132 އަވަށުގައި ވޭތުވެދިޔަ ތިން މަސް ދުވަސްތެރޭ އެއްވެސް އަންހެން ކުއްޖަކު އުފަންވި ކަމަށް ހިސާބުތަކުން ދައްކައިފައެއް ނުވެ އެވެ. އެހެންވެ އުއްތަރްކަށި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން 25 އޮފިޝަލުން ފޮނުވަން ނިންމައިފަ އެވެ.
އުއްތަރަކަންދުގެ ވިމެންސް އެންޑް ޗައިލްޑް ވެލްފެއާ މިނިސްޓަރު ރޭކާ އަރިޔާ ވިދާޅުވީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަށް ފަހު އެބޯޝަން ހަދާފައިވޭތޯ ތަހުގީގު އޮފިޝަލުން ބަލާނެ ކަމަށެވެ.
ޖިންސް ބެލުމަށް ފަހު އަންހެން ކުއްޖެއް ނަމަ އެބޯޝަން ހަދައިގެން ވައްޓާލާ މައްސަލަ ބޮޑުވުމުން އިންޑިއާގައި 1994 ވަނަ އަހަރުން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ވަގަށް ނަމަވެސް އެކަން ކުރެ އެވެ. އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލްއަކުން 2011 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 30 އަހަރު ތެރޭ އިންޑިއާގައި ވަނީ 12 މިލިއަން އަންހެން ކުދިން އެބޯޝަން ހަދައިގެން ވައްޓާލައިފަ އެވެ.
އިންޑިއާގައި އެންމެ ފަހުން 2011 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ ނިސްބަތަކީ ކޮންމެ 1،000 ފިރިހެނަކަށް 943 އަންހެނުންނެވެ.
އިންޑިއާގެ އޭރުގެ ވިމެންސް އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރު 2015 ވަނަ އަހަރު ވިދާޅުވެފައި ވަނީ އެ ގައުމުގައި ދުވާލަކު 2،000 އަންހެން ކުދިން މަރާ ކަމަށެވެ. ހަމަ އެ އަހަރު ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ "ސޭވް ޑޯޓާސް، އެޑިއުކޭޓް ޑޯޓާސް" ކެމްޕޭން ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ