ގައުމު ހަމަމަގަށް އެޅުވުމަށް ރައީސް ޔާމީނަށް ފުރިހަމަ ފަސް އަހަރު ދޭންޖެހޭ: ގާސިމް

ގައުމު މިހާރު މިއޮތް ހާލަތުން މިންޖުކުރުމަށް ޓަކައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ފުރިހަމަ ފަސް އަހަރު ދޭންޖެހޭ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވިލިނގިލި ދާއިރާ އަށް ކުރިމަތިލައްވާ ކެންޑިޑޭޓް، ސައުދު ހުސެއިންގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ގާސިމް ވިދާޅުވީ، ގައުމުން ބޮއްސުން ލާފައިވާ ކަންކަން ހަމަ މަގަށް އެޅުވުމަށް ޓަކައި މިހާރުގެ ރައީސް ޔާމީނަށް ފުރިހަމަ ފަސް އަހަރު ދޭން ޖެހޭ ކަމަށާއި އެކަމަށް އެންމެން އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.
"ގައުމު ހަމަ މަގަށް އެޅުވުމަށް ޓަކައި އެބަ ބޭނުންވޭ މިދިޔަ ނޮވެމްބަރު މަހު ވޯޓުލައިގެން ހޮވި އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުން ހޮވާފައިވާ ފަސް އަހަރު ދުވަހުގެ ޓާމް ވަރަށް ޕީސްފުލްކޮށް އެމަނިކުފާނަށްދޭން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ރައީސް ޔާމީނަށް އެ ފަސް އަހަރު ހަވާލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް ކޯލިޝަނަށް ލިބިގެން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ރާއްޖެ ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް ވޭތުވެ ދިޔަ 10 އަހަރު ލިބުނު ފުރުސަތު ގޮސްފައި ވަނީ އުއްމީދުކުރި ގޮތާ ހިލާފަށް ކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުން ބޮޑު ހަމަނުޖެހުމަކާ ކުރިމަތިލައި ބޭރުގެ އިންވެސްޓަރުން އިންވެސްޓްކުރުމުގައި މިހާރު މި އޮތް މާހައުލެއް ނަގައެއް ނުލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފުރަތަމަ ފަސް އަހަރު ދިޔައީ ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލުތަކެއް ގެނައުމަށް ޓަކައި. އެހެންގޮތަކަށް ދަންނަވާ ނަމަ ހަމަޖެހޭ އުސޫލެއްގެ މަތިން ވަރަށް އަމާންކަމާއި އެކީގައި ޑިމޮކްރެޓިކް އުސޫލުތަކެއް ގާއިމް ކުރުމުގެ މަސައްކަތުގައި. ނަމަވެސް އެ ފަސް އަހަރު އިގްތިސާދީ މާ ބޮޑު ކަންތައްތަކަށް ވިސްނައިގެން ނުކުރެވުނު" ގާސިމް ވިދާޅުވި އެވެ. "ވޭތުވެ ދިޔަ ފަސް އަހަރު ދިޔައީ ވަރަށް ބޮޑު އިގްތިސާދީ ގޮތުން ހަމަޖެހުންތަކެއް ގެނައުމަށް ޓަކައި އެކުލަވާލާފައިވާ ޑިމޮކްރަސީ އާއި އުސޫލުތަކުގެ މަތިން ގާނޫނު އަސާސީ އާއި އެއްގޮތަށް ކުރެވުނު ދުވަސްތަކެއް. އެހެންނަމަވެސް އެކަން ވެސް ދިޔައީ ހީކުރިގޮތާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގައި އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތަކެއް އުފެދި ހިނގި ހަމަނުޖެހުންތަކަކަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ އެފަދަ ކަންކަމުގައި ކުޑަކުދިން ނެރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ޅަފަތުގެ ކުދިންލައްވައި އެފަދަ އަމަލުކުރާ މީހުންނަކީ ވަގުތުން ހައްޔަރުކުރަން ޖެހޭ މީހުން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
"ސްކޫލް ކުދިން، [ގްރޭޑް] ހަޔަކުން މަތީގެ ކުދިން ނުކުމެ އަޅުނގަޑުމެންނާ ދިމާލަށް ކީ ހަޑި އެއްޗިއްސާއި ޖެއްސި ވައްތަރާއި އެ ކުރި ކަންތައްތައް. އެ ރަށެއްގެ ކައުންސިލަރާއި އަތޮޅު ކައުންސިލަރުން ތިބެގެން އަދި ރައްޔިތުން މަޖިލީހުގައި މިހާރު ހުންނެވި މެންބަރު ވެސް ހުރެގެން އެ ކުރި ހަޑި އަމަލަކީ މުސްތަގްބަލް ހަލާކުކޮށްލަން ކުރާ ކަންތައް،" ގާސިމް ދާދިފަހުން ތޮއްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްކޮށް ހުންނަވައިގެން ހިންގި އަމަލުތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
ޅަފަތުގެ ކުދިން ލައްވައި އެފަދަ ކަންތައްތައް ކުރުވާ މީހުންނަކީ ހިފައި ވަގުތުން ހައްޔަރުކުރަން ޖެހޭ މީހުންކަމަށާއި އެފަދަ ކަންތައްތަކުގެ ސަބަބުން އެ ކުދިންތައް ބޮޑުވެގެން އަންނަ އިރު އެއްވެސް ގާނޫނަކަށް ބޮލެއް ނުލަބާނެ ކަމަށް ވެސް ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ