ރިޔާސީ އިންތިހާބު 2008: މައުމޫން އައްޑު އަށް ވަޑައިގެންފި

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް ކެމްޕޭން ކުރެއްވުމަށް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު މިއަދު އައްޑު އަށް ވަޑައިގެންނެވުމުން ގަމުގެ ދޫގަހުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެ، އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ. އަދި މައުމޫނުގެ މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ގަމުގެ ގެސްޓް ހައުސް، ދޫގަހުގައި މަޑުކުރައްވައިގެން އެމަނިކުފާނު ވަނީ ސަޕޯޓަރުންނާ ސަލާން ވެސް ކުރައްވައިފަ އެވެ.
މިއަތޮޅަށް ކެމްޕޭން ކުރެއްވުމަށް މިއަދު ވަޑައިގެން މިއަދު މިއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލު ކުރައްވަން ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން ޑީއާރްޕީ އަށް ތާއީދު ކުރާ ހުރިހާ މީހުންނަށް ބާއްވާ ޖަލްސާއެއް މާދަމާ ރޭ ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ވެސް ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށް މައުމޫން ކޭމްޕުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ކެމްޕޭން ކުރެއްވުމަށް މައުމޫން މިދިޔަ މަހު ވެސް އައްޑު އަށް ވަޑައިގެންފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ