ސުޕްރީމް ކޯޓަށް ބިދޭސީ ފަނޑިޔާރުން އައްޔަންކުރުމާ މެދު ޑީއާރްޕީން އަދި ވަކި ގޮތެއް ނުނިންމާ: ޒައީމް މައުމޫން

އާ ގާނޫނު އަސާސީގެ ދަށުން ގާއިމުކުރާ ސުޕްރީމް ކޯޓަށް ބިދޭސީ ފަނޑިޔާރުން އައްޔަންކުރުމާ މެދު ޑީއާރްޕީން އަދި ވަކި ގޮތެއް ނުނިންމާ ކަމުގައި އެ ޕާޓީގެ ޒައީމް އަދި ރިއާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ޅ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ހިންނަވަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ހަވީރު ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިފަދަ މަތީ މަގާމަކަށް ބިދޭސީން އައްޔަންކުރުމަކީ ވަރަށް ގިނަ ގޮތްގޮތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ވަރަށް މިނިވަން ވިސްނުމެއް މި ގެންގުޅެނީ. ހުޅުވާލެވިފައި އޮންނަ ވިސްނުމެއް. ވަކި ގޮތަކަށް އަދި ނުއެއް ނިންމަން. އެއީ މީގައި ކޮންމެ ގޮތެއް ހެދިޔަސް، އެއިން ނުކުންނަ ރަނގަޅު ނަތީޖާތަކަކާ އަދި ނޭދެވޭ ނަތީޖާތަކެއް ވެސް ހުރެދާނެ."
"އެހެން މި ދެންނެވީ ބޭރުން މީހުން ގެނައިމަ، އެއް ބަޔަކު ހީކުރާނެ އެ މީހުންނަކީ ދެން ވަރަށް ދުރުގައި ތިބި ބައެއް ވީމާ، ވަރަށް އިންޓެގްރިޓީ ރަނގަޅުވާނޭ. އެ މީހުން ވަކި ފަރާތަކަށް ނުޖެހި ކަންތައްތައް ނިންމާނޭ. އެ ގޮތަށް ވެސް ޚިޔާލުކުރެވިދާނެ."
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދާޚިލީ އެހާ މަތީ ކަމަކަށް، ބިދޭސީ ލޯޔަރުން، ނުވަތަ ބިދޭސީ ފަނޑިޔާރުން ގެނައުމަކީ ގައުމީ ގޮތުން ބަލާއިރު ކޮން ކަހަލަ ކަމެއްތޯ ވެސް ވިސްނާލަންޖެހޭ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ވަކި ގޮތަކަށް ނުނިންމިގެން އުޅެނީ މި ކަހަލަ ކަންތައްތައް މިހެން އުޅޭތީ ކަމަށް ހީފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ބިދޭސީ ފަނޑިޔާރުން އައްޔަންކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ހުށަހެޅުމާ މެދު ޑީއާރްޕީން ނިންމީ ކޮން ގޮތަކަށްތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ، އެފަދަ އެއްވެސް ފަރާތަކުން ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައަކީ ޑީއާރްޕީން ވެސް އަދި އެހެން ބައެއް ފަރާތްތަކުން ވެސް ވިސްނަމުންދާ މައްސަލައެއް ކަމަށެވެ.
"އެއީ ޕާޓީތަކުގެ މެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ތެރޭގައި ދެކެވެމުންދާ ވާހަކައެއް. އެއްވެސް ފަރާތަކުން ރަސްމީކޮށް ހުށަހެޅުމެއް ހުށަހަޅައި އެއްވެސް ފަރާތަކުން އެ ރައްދުކޮށްފައެއް ނެތް. އަދިވެސް އެ ވާހަކަދެއްކުންތަކުގެ ތެރޭގައި މި އުޅެނީ. އެނގިވަޑައިގަންނަވާނެ ފަދައިން، ޖުޑީޝަލް ސާވިސް ކޮމިޝަނުން ނަންތަކެއް ހުށަހަޅާނީ."
ރައީސް މައުމޫން ވިދާޅުވީ ޕާޓީތަކުން މި މައްސަލައިގައި ގޮތެއް ނިންމޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައި، އެ ކޮމިޝަނަށް ފެނިވަޑައިގަންނަވާ ގޮތެއް ހުށަހެޅުއްވީމަ އެވެ.
ޑީއާރްޕީގެ ޒައީމް މިހެން ވިދާޅުވި ނަމަވެސް، "މައުމޫން 2008" މީޑިއާ މެނޭޖަރު އިބްރާހިމް އާތިފް ޝުކޫރު އިއްޔެ ވިދާޅުވީ ކޯޓުގައި ބިދޭސީ ފަނޑިޔާރުން ތިބިގެން ދިވެހިންގެ ކަންކަން ނިންމުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި ތިބެންޖެހޭނީ ދިވެހިން ކަމަށެވެ.
އެ ޕާޓީން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އާތިފް ވިދާޅުވީ، ސުޕްރީމް ކޯޓަށް ހަމަޖައްސަންޖެހޭ ފެންވަރުގެ ގާނޫނީ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުން ރާއްޖޭގައި ވެސް އެބަތިބި ކަމަށެވެ. އަދި އެފަދަ ކޯޓަކަށް އައްޔަން ކުރަންވާނީ ދިވެހިންގެ އާދަކާދަ އާއި އުސޫލުތައް ދަންނަ މީހެއް ކަމަށެވެ.
"ސުޕްރީމް ކޯޓަކީ ދިވެހިންގެ އުސޫލުތަކާއި ދިވެހިން ދިރިއުޅޭ ގޮތާއި ދިވެހިންގެ އާދަކާދަ އާއި މިކަހަލަ ވަރަށް ގިނަ ކަންތައްތަކާ ބެހޭގޮތުން ފަހުގެ ނިންމުން ނިންމާ ތަނެއް،" އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އާތިފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓަށް އައްޔަންކުރާ ފަސް ފަނޑިޔާރުންގެ ތެރެއިން ދެ މީހަކު ބިދޭސީ މީހުންގެ ގޮތުގައި ހަމަޖައްސަން އެމްޑީޕީން ޑީއާރުޕީ އަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އަދި ޖަވާބެއް ދިންކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނޫސް ކޮންފަރެންސެއްގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމްކުރަން ރާއްޖޭގައި ތިބި މީހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓް އުފެއްދުމަކުން އެ އިތުބާރު ރައްޔިތުންގެ މެދުގައި އުފެދިގެން ނުދާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ