މެމްބަރު މުހައްމަދު ރަޝީދު ބަންދުން ދޫކޮށްލައިފި

މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށް، ފަހުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ރޭ މިނިވަންކޮށް ދޫކޮށްލައިފި އެވެ.
ފުލުހުންގެ ސަދަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ މުހައްމަދު ރަޝީދު ބަންދުން ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހްގީގަށް ބޭނުންވާނެ އިތުރު ކަމެއް ނެތުމުން ކަމަށެވެ. މުހައްމަދު ރަޝީދު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މުހައްމަދު ރަޝީދު ބަންދުން ދޫކޮށްލި ނަމަވެސް، ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 80 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އެހެން މީހަކު އަދި ދުލެއް ނުކުރެ އެވެ. ބައެއް މީހުން މިހާރު ވެސް ގޭގެ ބަންދަށް ބަދަލުކުރަމުންދާ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
ފުލުހުން އައްޑޫން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދާއި، ކައުންސިލްގެ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އާއި ކައުންސިލްގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އަދިވެސް ހުރީ ގޭ ބަންދުގަ އެވެ.
މެމްބަރު މުހައްމަދު ރަޝީދު ހައްޔަރުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަބީބު އިއްޔެ ކޮމިޓީ އަށް ހާޒިރުކުރުމުން، އެމްޑީޕީގެ މެމްބަރުން މުޒާހަރާކޮށް ކޮމިޓީ ވަނީ ހުއްޓުވައިފަ އެވެ.
އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫގައި ފުލުހުން ތިބޭ ގެ އާއި ހަތަރު އަވަށެއްގެ މެޖިސްޓްރޭޓް ކޯޓް ވަނީ އަންދާލައިފަ އެވެ. އަދި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް އަންދައިލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ