އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓު ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލް ކުރި މައްސަލައިގެ އާބިޓްރޭޝަންގައި ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ސިންގަޕޫރަށް ވަޑައިގަތީ ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަންގަވައިގެން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އޭޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އާބިޓްރޭޝަންގައި ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުން ފަނޑިޔާރު އަބްދުﷲ ސައީދު ސަރުކާރުން ހަމަޖައްސާފައި ވަނީ އެކަމަށްޓަކައި ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށްފަހު ކަމަށެވެ.
އޭޖީ އޮފީހުން އެގޮތަށް ބުނާއިރު ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުއްދަ ހޯއްދަވާފައިނުވާ ކަމަށް އެ ކޮމިޝަންގެ މެމްބަރު ޝުއައިބް އަބްދުއްރަހުމާން ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ފިޔަވައި ކޯޓުން ބޭރު އެއްވެސް ކަމަކަށް ފަނޑިޔާރުން ދޫނުކުރެވޭނެ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ ދާއިރާގެ ކަމަކަށް ނަމަވެސް ފަނޑިޔާރުން ދޫކުރެވޭނީ ޖޭއެސްސީގެ ހުއްދައާއެކު ކަމަށެވެ.
އެ ގާނޫނުގެ 52 މާއްދާގައި ބުނެފައި ވަނީ ބޭރު ގައުމެއްގައި މަސައްކަތްކުރުމަށް ވެސް ފަނޑިޔާރަކަށް ދެވޭނީ ޖޭއެސްސީގެ ހުއްދައާ އެކުގައި ކަމަށެވެ.
އެ ގާނޫނުގައި ފަނޑިޔާރުން ކޮށްގެން ނުވާނެ ކަންކަމާ ބެހޭ މާއްދާގެ (42)ގެ (ނ) ގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރަކު ފަނޑިޔާރެއްގެ ގޮތުގައި ހުންނަހާ ހިނދަކު، އެއްވެސް މައްސައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުން، ނުވަތަ ލޯ ފާމެއް ހިންގުން، ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން ހިމެނެ އެވެ.
ފަނޑިޔާރު އަބްދުﷲ ސައީދު ފުރާވަޑައިގަތީ ހުއްދަ ނަންގަވައިގެން: އޭޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ