89 ދަރިވަރުންނާ އެކު ވީޓީވީ ސްކޫލް އައިކަން ލަވަ މުބާރާތް ހުކުރު ދުވަހު ފަށަނީ

ވީޓީވީން ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ސްކޫލް އައިކަން މި އަހަރުގެ ލަވަ މުބާރާތް ހުކުރު ދުވަހުގެ ރޭ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ. ވީޓީވީގެ މާކެޓިން ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ ލަވަ މުބާރާތުގައި ނުވަ ސްކޫލަކުންނާއި އަމިއްލަ ގޮތުން 89 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ. އަމިއްލަ ގޮތުން މި އަހަރު މުބާރާތުގައި ބައިވެރިވީ ދެ ކުދިންނެވެ. ހަ އުމުރު ފުރައަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހު ހަވީރު 4-6 އަށެވެ. އަދި ރޭގަނޑު 9:00-11:30 އަށެވެ. "މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު ބައިވެރިވީ ކުދިންގެ އަދަދު ގިނަ. މި އަހަރު ފަސް ކޮޔާ ގްރޫޕާ އެކު ޖުމްލަ 89 ކުއްޖަކު ބައިވެރިވޭ،" ވީޓީވީގެ އޮފިޝަލް ވިދާޅުވި އެވެ. މުބާރާތުގައި މި އަހަރު ޖަޖުންނަކީ މާއިން ރަޝީދާއި މުހައްމަދު ރަޝީދު (ދަރާ) އާއި އުމަރު ޒާހިރުގެ އިތުރުން މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ވީޓީވީން ސްކޫލް އައިކަން ލަވަ މުބާރާތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތާ ތިން އަހަރު ވެއްޖެ އެވެ. މިއީ ލަވަ ކިޔުމަށް ޝައުގުވެރިވާ ކުދިންނަށް ފުރުސަތު ހޯދައިދީ، ހުނަރުވެރިންތަކެއް އުފައްދައިދިނުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން ވެސް އެންމެ މޮޅު ތިން ކުދިން ހޮވަ އެވެ. އަދި ޚާއްސަ އިނާމުތަކެއް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ