އަވިން 15 ރަށަކަށް ކަރަންޓް ދިނުމަށް 14 ފަރާތަކުން ކުރިމަތިލައިފި

ސޯލާ ޕެނަލް ބޭނުންކޮށްގެން 15 ރަށަކަށް ކަރަންޓް ދިނުމަށް އެނާޖީ މިނިސްޓްރީން ހުޅުވާލުމުން 14 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ. ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވިދާޅުވީ އަވިން ކަރަންޓް އުފެއްދުމަށް ސަރުކާރުން ހުޅުވާލުމުން ޕްރީކޮލިފިކޭޝަނަށް ކުރިމަތިލި ފަރާތްތަކަށް ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރޮޮޕޯސަލް ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ. "މި މަޝްރޫއު ކުރިޔަށް ގެންދަނީ އިންވެސްޓަރުންނާ ސަރުކާރާ ގުޅިގެން. އިންވެސްޓްކުރާ ފަރާތުން އުފައްދާ ކަރަންޓް ސަރުކާރުން ގަންނަ ގޮތަށް ހަމަޖައްސާފައި ވަނީ،" އޭނާ ވިދާޅުވި އެވެ. މަތީން ވިދާޅުވީ އަވިން ކަރަންޓް އުފައްދާނެ 15 ރަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައި އެ މަޝްރޫއު ފެށޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތްކުރަނީ އިޔާދަކުރިނިވި ހަކަތަ ބޭނުންކޮށްގެން ރަށްރަށަށް އަގު ހެޔޮކޮށް ކަރަންޓް ދެވޭނެ ގޮތްތަކެއް ހޯދަން. މިކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ވަރަށް ގާބިލް ކުންފުނިތަކެއް އެބަހުރި،" މަތީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ