އުމަރު ނަސީރު: ބަލިމަޑު ކަމުން ތަދު މަޑު ކަމަކަށް ދިއުން ހުއްޓުވަން ޖެހޭނެ

އެޑިޓަރުގެ ނޯޓް: މިއީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ ބަލާއާފާތުގެތެރޭ ރާއްޖެ އިގްތިސޯދީ ވަޅުގަނޑަކަށް ވެއްޓި ބޮޑު ތަަދުމަޑު ކަމަކަށް ދިއުމުގެ ކުރީން ކޮންމެހެން އަޅާން ޖެހޭ ބައެއް ފިޔަވަޅުތައް ފާހަ ކުރައްވާ އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އުމަރު ނަސީރު ލިޔުއްވާފައިވާ އޭނާގެ އޮޕްއެޑް ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ އަވަސް އޮންލައިނުން ގަބޫލު ކުރާ އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ބައެއް އަކުރު ފިއްޔާއި ތިކިތައް އުނި ކޮށްލުމަށްފަހު އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ ބަލި މަޑު ކަމުން މި ގައުމާއި މުޅި ދުނިޔެ ހިންދެމިލާ އިރު މުޅި ދުނިޔެ "ރިސެޝަން" އަކަށް ނުވަތަ އިޤްތިސޯދީ އަޑިގަނޑަކަށް ވެއްޓިދާނެ ކަމަށް އައިއެމްއެފް އިންނާއި ދުނިޔޭގެ އެހެނިހެން އިގްތިސޯދީ އަދި މާލީ ޖަމާއަތްތަކާއި އެ ދާއިރާގެ މާހިރުން ވަނީ ލަފާ ކޮށްފަ އެވެ.
މި ސަބަބަށް ޓަކައި ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ދަނީ މި ބަލިމަޑުކަމުގެ ވަޅު ގަޑުން އަރާ އިގްތިސޯދީ ވަޅުގަނކަޑަށް ވެއްޓުނަ ނުދިނުމަށް ޓަކައި މުހިންމު ފިޔަވަޅު ތަކެއް އަޅަމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ކަމުގައިވާ އެމެރިކާގެ ސަރުކާރުން ވިޔަފާރިތަކަށް އެހީ ނުވެއްޖެ ނަމަ ވަޒީފާ ނެތް މީހުންގެ އަދަދު 20 ޕަސެންޓަށް އަރާނެ ކަމަށް މިހާރު ވެސް ވަނީ ލަފާ ކޮށްފައެވެ. -- މި ވަގުތު ހުރީ 3.6 ޕަސެންޓްގަ އެވެ -- އެ ސަބަބަށް ޓަކައި ދެ ޓްރިލިއަން ޑޮލަރުގެ "ސްޓިމިއުލަސް ޕެކޭޖެ" އް ވަނީ އެކުލަވާލާފަ އެވެ.
ދިވެހިރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު 20 ޕަސެންޓަށް ވުރެ މައްޗައް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މި ވަގުތު ހުރީ 6.4 ޕަސެންޓްގަ ގައެވެ. ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑުތަނުން މައްޗަށް ގޮސް އިންފްލޭޝަން މައްޗަށް ގޮސްފި ނަމަ އިގްތިސޯދު ފުނޑުފުނޑުވެ ބޮޑު ތަދުމަޑު ކަމަކަށް ރާއްޖެ ދިއުމީ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިހާރު އިވެމުންދާ އަޑުތަކަށް ބަލާ އިރު ވަޒީފާއިން މީހުން ވަކި ކުރާ އަޑުތަކާއި، މުސާރަތައް ކުޑަ ކުރަމުން ދާ އަޑުތައް މިދަނީ މެދުނުކެޑި އިވެމުންނެވެ. ސަރުކާރުން ވަރަށް އަވަސް ފިޔަވަޅު ތަކެއް ނާޅައިފިނަމަ ބަލިމަޑުކަމުން އިގްތިސޯދީ ވަޅުގަނޑަކަށް ރާއްޖެ ވެއްޓޭނެ އެވެ.
އެފަދަ ވަޅުގަނޑަކަށް ވެއްޓުމަށް ފަހު ދެން އަރައިގަންނަން ވަރަށް ދަތިވާނެ އެވެ. އެހެންވެ ކޮވިޑް-19 އަށް ފިޔަވަޅުތައް އަޅަމުން ގެންދާއިރު އިގްތިސޯދު ހިފެހެއްޓުމަށް ޓަކައި ވެސް ވަރަށް އަވަސް ފިޔަވަޅު ތަކެއް ބޭނުންވާނެ އެވެ.
އިގުތިސޯދު ނެގެހެއްޓުމުގައި، އެހެން ގައުމު ތަކުން ވެސް ފުރަތަމަ އިސްކަން ދިނީ ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށެވެ. އަދި މި ހިނގާ މާޗް މަހުގެ މުސާރަތައް ވަޒީފާ އަދާ ކުރާ އެންމެނަށް ލިބޭނެ ކަން ކަށަވަރު ކުރުމަށެވެ.
އެކަމަށްޓަކައި އެ ގައުމު ތަކުގެ އަމިއްލަ ވިޔަފާރި ތަކަށް ނަގުދު ފައިސާ އިންނާއި ކުދި އަވަސް ލޯނުތައް ދޫކޮށްގެން އެހީވަމުން އެބަގެން ދެއެވެ. އަދި އެ ފައިސާ މުވައްޒަފުންގެ މުސާރަތަކަށް ހަރަދު ކުރާކަން އެ ގައުމު ތަކުން ކަށަވަރު ކުރެއެވެ. ކުންފުނިތަކަށް ދޭ ފައިސާ އަކީ އެމީހުން ރައްކާކޮށް އެހެން ކަންކަމަށް ބޭނުން ކުރާ ފައިސާ ނޫން ކަށަވަރު ކުރެ އެވެ.
އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަކީ ފައިސާގެ ބޮޑު ރިޒާވެއް ހުރި ގައުމެއް ނޫނެވެ. އަދި އެތައް ދަރަންޏެއް ދައްކަން އޮތް ގައުމެއް ވެސް މެއެވެ. މި ހާލަތުގައި ދިވެހިންގެ ވަޒީފާތައް ގެއްލުނު ނުދީ އަދި އެމީހުންގެ މުސާރަތައް ކުޑަވިޔަ ނުދީ ހިފެހެއްޓެން އޮތް އެއް ގޮތަކީ ޕެންޝަން ފަންޑު ގައި ހުރި ފައިސާ އިން އެ ފަންޑަށް ފައިސާ ދެއްކި މުވައްޒަފުންނަށާއި ކުންފުނި ތަކަށް، އެމީހުންގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޓަކައި، އަވަސް ލޯނު ތަކެއް ދިނުމެވެ.
އެހެނީ އެ ފައިސާއަކީ އެ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ވަޒީފާ ދިން ފަރާތްތަކުން އެ ފަންޑަށް ޖަމާކުރި އެމީހުންގެ ފައިސާ އެވެ. މި ފަދަ ހާއްސާސް ހާލަތެއްގައި އެމީހުންގެ ފައިސާ އިން ބައެއް އެމީހުންނަށް ލިބޭ ގޮތަށް އިންތިޒާމް ކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ.
ޕެންޝަން ފަންޑުގައި ބައިވެރި ނުވާ، އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ކުދި ލޯނުތައް، އިންޓްރެސްޓަކާ ނުލާ، އިސްލާމިކް ފައިނޭންސް އުސޫލުން ދިނުމީ ވެސް ކޮންމެހެނެ ކުރަން ޖެހޭ ކަމެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ވިސްނުމަކަށް މި ވަގުތު ވާންވާނީ ވިޔަފާރީގެ ވިސްނުމުން ވިސްނުމުގެ ބަދަލުގައި އިޖްތިމާޢި ވިސްނުމަކުން ވިސްނުމެވެ. ކުރިއަށް އޮތް ތިން މަސްވަންދެން ހިނގަހިނގާ ހުރި ވިޔަފާރިތައް "ބްރިޖް ފައިނޭންސް" ކޮށްދޭން ވާނެ އެވެ. އެއީ ހިނގަހިނގާ ހުރި ވިޔަފާރިތައް މި ވަޅުގަނޑުގެ ތެރެއަށް ވެއްޓުނަ ނުދީ ހިންގުމަށް މަގުފަހި ކުރުމަށެވެ.
ކުރިއަށް މިއޮތް 15 ދުވަސް ތެރޭ މި އިގްތިސޯދީ ވަޅުގަނޑުގެ ތުންފަތް މައްޗާ ހަމައަށް މި ގައުމަށް ދެވޭނެ އެވެ. މި ހިނގާ މާޗް މަހުގެ މުސާރަ ހުރިހާ މަސައްކަތްތެރިންނަށް ނުދެވިއްޖެ ނަމަ، އެ ވަޅުގަނޑުގެ ތެރެއަށް ގައުމު ގަބައިގަންނާނެ އެވެ. އޭގެ ކުރިން ފިޔަވަޅު އެޅުމީ މުހިންމު ކަމެކެވެ. "ބިއުރޮކްރަސީ" އާއި "ރެޑް ޓޭޕް" ތަކުގެ ތެރޭ އިގުތިސޯދީ ޕެކޭޖް ތާށިވިޔަ ދީގެން ނުވާނެ އެވެ. އަމިއްލަ މަސައްކަތްތައް ކޮށްގެން އާންމްދަނީ ހޯދާ ފަރާތްތައް ވަކިން ހާއްސަކޮށް މަސްވެރިން، މީގެ ތެރޭގައި ހިމެނޭނެ އިންތިޒާމެއް އޮންނަން ވާނެ އެވެ.
އެހެން ކަމުން މިހާރުން މިހާރަށް ސަރުކާރުން އިސްކަން ދޭންވީ، މި ހިނގާ މާޗް މަހުގެ މުސާރަ ހުރިހާ މަސައްކަތް ތެރިންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ. އޭގެ ފަހުގައި ހާލަތަށް ބަލާ، ރޯދަމަހުގެ އެލަވަންސް އާއެކު އެޕްރީލް މަހުގެ މުސާރަ ދެވޭވަރު ކުރެވޭތޯ އެވެ.
މަސްވެރި ކަމަކީ ރާއްޖޭގެ އިގުތިސޯދުގައި އެންމެ މުހިންމު އެއް މަސައްކަތެވެ. މަސްވެރިން ބާނާ މަސް ރޯކޮށް ހުއްޓާ ގަނެ ރައްކާ ކުރާނެ ތަނެއްނެތް ނަމަ އެ މަސްކޮޅު ކައްކާ ހިއްކައިގެން ގެނައުމުން އެކަށީގެންވާ އަގެއްގައި ސަރުކާރުގެ ކުންފުނި ތަކަށް، ގަންނާނެ ކަމުގެ ޔަގީން ކަން މަސްވެރިންނަށް ނުވަތަ އެކަން ކުރާ މީހުނަށް ދޭންވީ އެވެ. އަދި ކައްކާ ހިއްކުމަށް ބޭނުންވާ ކެޕިޓަލް ފޯރު ކޮށްދޭންވީ އެވެ.
ބާނާ މަސްކޮޅު ފިނިކޮށްގެން ރައްކާ ކުރަން ނުވަތަ ކައްކާ، ހިއްކާ، ރައްކާ ކުރުމަށް ޕްރައިވެޓް ސެކްޓާ ނުކުޅެދޭނަމަ ބައެއް ޕްރައިވެޓް މަސްފެކްޓަރީތައް ވަގުތީ ގޮތުން ސަރުކާރަށް ނަގާ، ބާނާ އެއްވެސް މަހެއް އެއްލާލަން ނުޖެހޭ ކަން ކަށަވަރު ކުރަންވީ އެވެ. އަދި ހުރިހާ ދޯންޏެއް މަހަށް ފުރޭވަރު ކޮށްދޭންވީ އެވެ. އޭގެ ތެރޭގައި ތެލަށް ސަބްސިޑީ ދިނުން ފަދަ ކަންކަން ވަގުތީ ގޮތުން ތައާރަފު ކުރަންވީ އެވެ. ރާއްޖޭގެ މަސްވެރިކަމުގެ "މެޝިން" ހުއްޓުނަ ދީގެން ނުވާނެ އެވެ.
ދިވެހިންނަކީ ވިޔަފަރި ކުރަން ދަންނަ ބަޔެކެވެ. އެމީހުންނަށް ބޭނުން ވާނީ ސަރުކާރުންނާއި، ބޭންކް ތަކުންނާއި، ޕެންޝަން ފަންޑު ފަދަ ތަންތަނުން ކުޑަ ދުވަސްކޮޅަކަށް "ކޮނޑު ޖައްސާ" ލައި މި އަޑިގަނޑު ހުރަސް ކޮށްލުމަށް "ބްރިޖް ފައިނޭންސް" ކޮށް ދިނުމެވެ. އެއީ ގާތްގަޑަކަށް ހަ މަސް ވަންދެނެވެ. އޭގެ ފަހުން އެ ވިޔަފާރި ތަކުން އަމިއްލަ ފައިމައްޗަށް ތެދުވާނެ އެވެ. އަދި އެ ފައިސާ އަނބުރާ ދައްކާނެ އެވެ.
މިފަދަ ދަނޑިވަޅެއްގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ އެއް ބަޔަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތް ތެރިންނެވެ. އެމީހުންނާ މެދު ހެޔޮކޮށް އަމަލު ކުރުމާ، އެމީހުން ކައިގެން ބޮއިގެން ތިބިކަން ކަށަވަރު ކުރާށެވެ. މިއީ މުސްލިމުންނަށް ވިތީ އަދާކުރަން ޖެހޭ ދީނީ ވާޖިބެއްކަން ހަދާން ބަހައްޓާށެވެ. އަނބުރާ ފޮނުވާލެވޭނެ މީހަކު ހުރިނަމަ އަވަހަށް އަނބުރާ ގައުމަށް ފޮނުވާލާށެވެ. އެއްވެސް ހާލެއްގައި މަގުމައްޗަށް އެމީހުން ދޫކޮށް އެއްލައި ނުލާށެވެ.
ދިވެހި ހުރި ރައްޔިތުން ވެސް ދިވެހި ސަރުކާރުގެ އިރުޝާދު ތަކަށް ބޯލަނބައި އަމަލު ކުރާށެވެ. ބަލާއާފާތުގެ މި މުސީބާތުން މާތްﷲ ދިވެހިރާއްޖެ އާއި ދިވެހިން ސަލާމަތް ކުރައްވާށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ