ބަރުލަމާނީ ނިޒާމަކީ ގެންނަން ހެޔޮވާވަރުގެ ނިޒާމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކަށް ހަވާލުވުމަށް ބޭއްވި ޖަލްސާގައެވެ.
ގާސިމް ވިދާޅުވީ މީގެ މަދު އަހަރުތަކެއް ކުރި ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ، ރާއްޖޭގައި އޮންނަން ބެނުންވަނީ ޖުމްހޫރީ ނިޒާމެއްކަމަށް ބުނެފައިކަމަށާއި، އަދި މިއަދުވެސް ރާއްޖޭގައި ވެރިކަން ކުރަމުންދަނީ އެ ނިޒާމުގައިކަން ފާގަހަކުރައްވާފައެވެ.
އެހެން އެކަންއޮށްވާ، މިހާރު މިއޮތް ވެރިކަމުގެ ދައުރު މެދަށް ނުދަނީސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބައެއް ފަރާތްތަކުން ބޭނުންވަނީ، އެފަރާތްތަކުގެ އަމިއްލަ އެދުމެއް އޮތުމުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އެއްވެސް ޝައްކެތް ނެތް ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނީ ރިޔާސީ ނިޒާމެއް އޮތުމުންކަމަށެވެ. އަދި ރިޔާސީ ނިޒާމެއްކަމަށް ވިއަސް، އަދި ބަރުލަމާނީ ނިޒާމެއްކަމަށްވިއަސް، ވެރިކަން ބިނާވެ، އާރާސްތުވެގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ހުރި ތެދުވެރިކަމާއި، އިހުލާސްތެރިކަމާއި އެބޭފުޅަކަށް ލިބިފައި ހުރި ތަޖުރިބާއެއްގެ މައްޗަށްކަމަށެވެ. އެމީހެއްގެ ގައިގައި އެ ފެންވަރު ނެތިއްޖެނަމަ އެ ވެރިކަމެއް ފެއިލްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ރިޔާސީ ނިޒާމެއްގައި، ރަޢީސްއަކަށް ހުންނަ މީހަކު މަދުވެގެން އަހަރަކު އެއް ފަހަރު ރައްޔިތު މީހާ ކައިިރިއަށްގޮސް އެމީހުންގެ ހާލު ބަލަންޖެހޭކަން ފަހަގަކުރައްވާ ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި މިފަދަ ކަންކަން ނޯންނާނެކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ރިޔާސީ ނިޒާމުކަން ގާސިމް ފާހަގަކުރެއްވިއެވެ.
އިންޑިއާ މިސާލަކަށް ނަންގަވައި، ގާސިމް ވިދާޅުވީ އިންޑިއާގައި މިހާރު ހުރި ޕްރައިމް މިނިސްޓަރަކީ އެގައުމުގެ އެމްޕީއެއް ކަމަށެވެ. އެހެންނަމަވެސް އެބޭފުޅާވެސް މަޖިލީހަށް ވަޑައިނުގަންވާތާ ވީ ދުވަހެއްވެސް ނޭންގޭކަމަށެވެ.
އެހެންކަމުން ބަރުލަމާނީއޭ ކިޔައިގެން ޖަހަން އުޅޭ ދަންތުރައިގައި ޖެހެން ހެޔޮނުވާނެ ކަމަށާއި ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމާއި އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ބަރުލަމާނީ އަކީ ގެންނަން ހެޔޮވާވަރުގެ ނިޒާމެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ