މާއިލް ހޯދަން، ޅައިމަގާއި ފުނަދޫ ރައްޔިތުން ނުކުމެއްޖެ

ށ. ފިރުނބައިދޫން ގެއްލިގެން ހޯދަމުން އަންނަ އަބްދުﷲ މާއިލް ހޯދުމަށް އެއަތޮޅު ޅައިމަގާއި ފުނަދޫ ރައްޔިތުންނާއި ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ފަށައިފި އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް މިއަދު 'ސަން' އަށް ވިދާޅުވީ މާއިލް ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އެރަށުގެ 21 ފިރިހެނުން ފުލުހުންނާއި އަދި ސިފައިންނާއެކު ފިރުބައިދޫގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
"މިއަދު ހެނދުނު 8:45 ކަންހާއިރު ފުރީ. ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ އިރަށް މިއަދު މަސައްކަތް ކުރުމަށް ނިންމާފައިވަނީ،" ޣަނީ ވިދާޅުވި އެވެ.
މާއިލް ހޯދުމުގެ އެހަރަކާތުގައި ފުނަދޫ ރައްޔިތުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެރަށު ކައުންސިލްގެ ނައިބް ރައީސް އިލްޔާސް ހާމިދު ވިދާޅުވިގޮތުގައި އެރަށުން ވެސް 27 ފިރިހެނުން މާއިލް ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުންދެއެވެ.ޅައިމަގާއި ފުނަދޫ ރައްޔިތުން ސިފައިންނާއި ފުލުހުންނާ ގުޅިގެން މާއިލް ހޯދުމަށް މަސައްކަތް ކުރަނީ-- ފޮޓޯ: ޅައިމަގު ފޭސްބުކް ގުރޫޕް
"ރަށުތެރޭ ޖަންގަލިތައް ބަލަނީ. މިއަދު ބަލައި ނިންމާލެވޭނެ." އިލްޔާސް ވިދާޅުވިއެވެ.
މާއިލް ގެއްލުނުތާ ނުވަ ވަރަކަށް ދުވަސްވެފައިވާއިރު އޭނާ ހޯދުމަށް ސިފައިންނާ ފުލުހުން ގުޅިގެން ކަނޑުގެ ސަރަހައްދު ވެސް ވަނީ ބަލާފައެވެ. ނަމަވެސް އަދި އޭނާ ނުފެނެއެވެ.
މާއިލް ގެއްލުނު ފިރުނބައިދޫ ވަރުވާއަށް ނަގައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރި މީހުން މިހާރު ވަނީ އެރަށް ދޫކޮށް ގޮސްފައެވެ.
އޭނާގެއްލުމުގެ ކުރިން އޭނާއާއެކު އެރަށުގައި ހުރި ހަމައެކަނި މީހާކަމަށްވާ ށ. ފުނަދޫ، ހަސަން އަލީ (ހަސަންބެ)، 62، ބުނާގޮތުން މާއީލް ގެއްލުނީ "ސަޖިދަ" ތަކެއް ކުރުމަށްފަހު ހިނގައިދިޔަ ކަންތައްތަކަކަށް ފަހުއެވެ. އޭގެ ފަހުން މާއިލްގެ ހަބަރެއް ނުވެއެވެ. ނަމަވެސް މާއިލްގެ އާއިލާއިން ބުނަނީ އޭނާވީތަނެއް ހަސަންބެއަށް އެނގޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ