ސެމީގެ ފަހު މެޗުގައި ސީދާ 3 ސެޓުން ހޯދަޑު ބަލިކޮށް ފުނާޑު ފައިނަލަށް

(ފުވައްމުލައް): މިރަށުގައި މިހާރު ކުރިއަށްދާ "ފުވައްމުލަކު ދެކުނު ދާއިރާ ވޮލީ ކަޕް 2015" ގެ ފަހު ސެމީގައި ސީދާ 3 ސެޓުން ހޯދަޑު ސްޕައިކަރޒްގެ މައްޗަށް ކާމިޔާބު ހޯދައި، ފުނާޑު ސްޕޯޓްސް ކްލަބް މި މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފިއެވެ.
ފުރަތަމަ ސެޓު ފެށުމާއި އެކު، ފުނާޑު ޓީމުން ލީޑު ނަގައިގެން މެޗު ކުޅެމުން ދިޔަނަމަވެސް، ދެ ޓީމުގެ ފަރާތުންވެސް މި ސެޓުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މޮޅަށް ކުޅުނު ނަމަވެސް، ހޯދަޑު ޓީމަށް މި ސެޓުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭ ގޮތް ނުވެ، ފުނާޑު ޓީމުން ސެޓު ކާމިޔާބު ކޮށްފައިވަނީ 13-25 ގެ ބޮޑު ފަރަޤަކުންނެވެ.
ފުރަތަމަ ސެޓަށްވުރެ ދެވަނަ ސެޓު ވާދަވެރިވެގެން ދިޔައިރު، ސެޓުގެ މެދާއި ހަމައިން ދެޓީމުންވެސް ދިޔައީ އެއްޓީމް އަނެއް ޓީމްގެ މައްޗަށް ކުޑަ ލީޑެއް ނަގަމުންނެވެ. ނަމަވެސް ލީޑުގެ ފަރަޤު ބޮޑުކޮށް، ފުނާޑު ޓީމުން ވަނީ 17-25 ގެ ނަތީޖާއަކުން މި ސެޓު ކާމިޔާބު ކޮށްފައެވެ.
ތިންވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނުނު އިރު، މި ސެޓުގައި ބޮޑަށް ލީޑު ނަގައިގެން ކުޅެފައިވަނީ ހޯދަޑު ޓީމުންނެވެ. ނަމަވެސް، 24-26 ގެ ކުޑަ ތަފާތަކުން މި ސެޓުވެސް ކާމިޔާބު ކުރީ ފުނާޑު ޓީމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފުނާޑު ސްޕޯޓްސް ކްލަބްގެ ޖަރޒީ ނަންބަރު 9، ތިލިނީ ވަސަނަ ޕެރޭރާއެވެ.
މެޗަށްފަހު "ވަގުތު ސްޕޯޓްސް" އާއި ވާހަކަދައްކަމުން ފުނާޑު ޓީމުގެ ކޯޗު، އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، މިރޭގެ މެޗުގައި ހޯދަޑު ޓީމުން ރަނގަޅު ފައިޓެއް ދިން ކަމަށާ، އެ ޓީމަކީ މޮޅު ޓީމެއް ކަމަށެވެ. ނަމަވެސް ރޭ މެޗެއް ކުޅުމަށްފަހު، މިރޭ އަނެއްކާ ކުޅެންޖެހުމުން އެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށާއި، ފުނާޑު ޓީމުން ނެގީ އެކަމުގެ ފައިދާ ކަމަށެވެ. ސަތޯ ބުނީ ފައިނަލްއާއި މެދު ވިސްނާނީ މިރޭ ކަމަށާ، އިރާދަކުރެއްވިއްޔާ ގޭމް ޕްލޭން އާއި އެއްގޮތަށް ކުޅެވިއްޖެނަމަ ސީދާ 3 ސެޓުން މާދަމާގެ ފައިނަލްވެސް ކާމިޔާބު ވާނެ ކަމަށެވެ.
މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ހޯދަޑު ސްޕައިކަރޒްގެ ކޯޗު މުޙައްމަދު އަހޫމަދު (ދެލު) ބުނީ، ވަރުގަދަ މެޗެއް ކުޅެ ނިންމިތާ 24 ގަޑިއިރުވެސް ނުވަނިސް އަނެއް މެޗަށް ނުކުންނަން ޖެހުމުން، ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލި ވެފައި ކަމަށާ، މެޗަސް ނުކުތް އިރު ބައެއް މުހިއްމު ކުޅުންތެރިން ތިބީވެސް އިންޖަރީގައި ކަމަށެވެ.
މި މެޗުން ބަލިވުމާއި އެކު ހޯދަޑު ސްޕައިކަރޒް އަށް މިވަނީ މި މުބާރާތުގެ 3 ވަނަ ޓީމްގެ މަޤާމު ލިބިފައެވެ.
މި މެޗުން މޮޅުވުމާއި އެކު ފުނާޑު ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލްގައި ފުނާޑު ޓީމު ވާދަކުރަންޖެހޭނީ ގްރޫޕް ބީ ގެ 1 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް ގޮސް، ސެމީގެ ފުރަތަމަ މެޗުގައި އިއްޔެ ފުނާޑު ސްޕޯޓްސް ކްލަބް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި މިސްކިތްމަގު އެންމެންގެ ގުޅުން އާއިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު، 16:15 ގައި ފުވައްމުލަކު ފުނާޑު، ކަނދޮވަލި ދަނޑުގައެވެ.
މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު ސްޕޯޓްސް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ