ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާތައް ގެންދިއުމަށް ޖޭޕީން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން އިނގިރޭސިބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އުފުލާފައިވަނީ އަސްލެއް ނެތް ސިޔާސީ ދައުވާތަކެއް ކަމަށެވެ.
ގާސިމާއި އަބްދުﷲ ރިޔާޒުގެ މައްޗަށް އަސްލެއް ނެތް ދައުވާތަކެއް އުފުލާފައިވާތީ އެކަން ކުށްވެރިކޮށް ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަޖިލިސް ތާވަލްކުރީ ގާސިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައި ހުކުމްކުރި ފަހުން ކަމަށެވެ. އެހެންކަމުން ގާސިމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ދައުވާތަކަކީ ބާތިލް އިޖުރާތުތަކެއްގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތްތަކެއް ކަމަށް ޖޭޕީން ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެ އެވެ.
މީގެއިތުރުން މިބަޔަނާނުގައި ވަނީ ގާސިމާއި އަބްދުﷲ ރިޔާޒުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން ކޯޓުގައި އެދުނު ކަމާއި ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެގޮތަށް ބަންދުގައި ބަހައްޓައިދޭން ކޯޓުން އަމުރެއް ނެރެދީފައި ނުވާ ކަންވެސް ފާހަގަކޮށްފަ އެވެ. އަދި މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު ޒިންމާއަދާކުރުމަށް ފުރުސަތު ދިނުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ