ޕާކިސްތާނުން އަފްގާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި

ޕާކިސްތާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ތާލިބާނުން ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް، އަފްގާނިސްތާނުގެ ކަންދަހާރުގައި ހުރި އަސްކަރީ މަރުކަޒަކަށް ޕާކިސްތާނުން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް އިއްޔެ ދީފި އެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ އެ ގައުމަށް ދިން ޑްރޯން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އާންމުންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ކާބުލްއިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފަ އެވެ.
ޕާކިސްތާނު ސިފައިން ބުނި ގޮތުގައި، އެ ހަމަލާތައް ދިނުމަށް ބޭނުންކުރި ޑްރޯންތަކަކީ އެ ސަރަހައްދުގައި އުފައްދާފައިވާ އާދައިގެ ޑްރޯންތަކެކެވެ. މި ޑްރޯންތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައިވީ ނަމަވެސް، އޭގެ ބައިތައް ވެއްޓުމުގެ ސަބަބުން ކުއެޓާގެ ދެ ކުޑަކުދިންގެ އިތުރުން ކޮހާޓް އަދި ރާވަލްޕިންޑީގެ ބައެއް އާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޕާކިސްތާނުން ހަމަލާދިން ކަންދަހާރުގެ މަރުކަޒަކީ ޑްރޯންތައް ފޮނުވުމަށާއި ބޯޑަރު ހުރަސްކޮށް ހިންގާ ހަނގުރާމަވެރި ހަރަކާތްތަކަށް އެހީތެރިވުމަށް ބޭނުންކުރާ ތަނެކެވެ.
މިއީ ޕާކިސްތާނުގެ ތާލިބާނުންނާއި އައިއެސް ހުރާސާން ގްރޫޕުގެ ހަނގުރާމަވެރިން އަފްގާން ފަސްގަނޑުގައި ހިޔާވަހިކަން ހޯދަމުންދާ ކަމަށް ބުނެ، މިދިޔަ މަހުގެ ފަހުކޮޅު ޕާކިސްތާނުން ފެށި އަސްކަރީ އޮޕަރޭޝަންތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި އުފެދުނު އެންމެ ބޮޑު ނުތަނަވަސްކަމެވެ. ނަމަވެސް ތާލިބާން ސަރުކާރުން މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރެ އެވެ.
އަފްގާނިސްތާނުން ބުނި ގޮތުގައި، ޕާކިސްތާނުން މީގެ ކުރިން ކާބުލް އަދި އިރުމަތީ ޕްރޮވިންސްތަކުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މަދުވެގެން ހަ މީހަކު މަރުވެފައިވެ އެވެ.
އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ 26 އިން ފެށިގެން ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ވަރުގަދަވެ، މިހާތަނަށް 75 އާންމުން މަރުވެ، 193 މީހުންނަށް އަނިޔާވެފައިވެ އެވެ. މީގެ ތެރޭގައި 24 ކުޑަކުދިން ހިމެނޭއިރު، ގާތްގަނޑަކަށް 115,000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ އިތުރު އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ދެއްވައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ދެ ގައުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މި ކުރިމަތިލުންތައް ހިނގަމުން މިދަނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ