ސުޕްރީމް ކޯޓަށް ޖަވާބު ހޯދަން ދިޔުން ހުއްޓައެއް ނުލާނަން: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމްކޯޓަށް ޖަވާބު ހޯދަން ވަޑައިގެންނެވުން ހުއްޓަވައި ނުލައްވާނެ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޢަބުދުﷲ ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެނިންމުމާއި ގުޅިގެން މަޖިލީހުގެ އިދާރާއަށް މެމްބަރުން މަނާކޮށްފައިވާތީ، ސްޕްރީމްކޯޓު މެދުވެރިކޮށް މިމައްސަލައަށް ހައްލެއް ހޯދުމަށް މެމްބަރުން ކުރައްވާ މަސައްކަތުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލު ކުރެއްވުމަށް ކޯޓަށް ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދަކީ އެ މެމްބަރު ސްޕްރީމްކޯޓަށް ހުށައެޅުއްވި ސިޓީތަކަށާއި، އަދި ފަނޑިޔާރުންނާއި ބައްދަލު ކުރެއްވުމަށް އެދިފައިވާ އެޕޮއިންޓްމަންޓްތަކުގެ ޖަވާބެއް ލިބޭތޯ ކޯޓަށް ވަޑައިގެންނެވި 10 ވަނަ ދުވަހެވެ.
އަބުދުﷲ ޝާހިދު ވިދާޅުވީ، މިއަދުވެސް ބައްދަލުވީ ކޯޓުގެ ރިސެޕްޝަނުގައި ތިއްބަވާ މުވައްޒަފުންނާއި އެކަނި ކަމަށެވެ. އަދި މިއަދުވެސް ދެއްވި ޖަވާބަކީ ފަނޑިޔާރުންނަށް އެޕޮއިންޓްމެންޓް ހަމަޖެހުނީމާ އަންގާނެކަން ކަމުގައި ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިމަސައްކަތުގައި ސާބިތު ކަމާއި އެކީގައި ތިބޭނަން. އަދި ޖަވާބު ލިބޭތޯ އިތުރަށްވެސް އަޅުގަނޑުމެން ސްޕްރީމް ކޯޓަށް އަންނާނަން. އަދި އިލެކްޝަންސް ކޮމިޝަނަށްވެސް އަޅުގަނޑުމެން ޒިޔާރަތް ކުރާނަން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިމަސައްކަތަކީ ރައްޔިތުންގެ ހައްޤުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ. މިގޮތުން ރައްޔިތުން އިންތިޚާބުކޮށްފައި ބަޔަކު މަޖިލީހަށް ފޮނުވުމުން އެމެމްބަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުރަސް އެޅުން އެއީ ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ކަމަށެވެ. އަދި މިއުޅެނީ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަނަ ނުދީ ހިފަހައްޓައިގެން ކަމަށާއި މިއީ ސީދާ ސަރުކާރުން، ރައީސް ޔާމީން ހިންގަވާ ޖަރީމާއެއް ކަމުގައި ޝާހިދު ވިދާޅު ވިއެވެ.
"ސާފު އިބާރާތުން ނުދަންނަވަންވީ ސަބަބެއް ނެތް.(މިއީ) ހަމަ ސަރުކާރުން ރައީސް ޔާމީން ހިންގަވާ ބޮޑު ޖަރީމާއެއް. އެހެންވީމާ އެޖަރީމާ ރައްޔިތުންނާއި އިދިކޮޅަށް ހިންގަވާކަށް ފުރުޞަތެއް ނުދޭނަން އަޅުގަނޑުމެންނެއް. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއި އެކު މިކަމުގައި ކުރިއަށްދާން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މީގެކުރިން ހުށައަޅުއްވާފައިވާ ސިޓީތަކަށް ޖަވާބެއް ނުދެެއްވާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ސްޕްރީމްކޯޓުގެ ރިސެޕްޝަނުގައި ތިބޭ މުވައްޒަފުންނާއި ނޫނީ ބައްދަލު ނުވާކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުން ވަނީ އެބޭފުޅުންގެ ގޮނޑިއާ މެދު އުފެދިފައިވާ ސުވާލުތަކަށް ސާފު ޖަވާބެއް ލިބޭ ވަރުގެ ހުކުމެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. އެމައްސަލައިގެ ޖަވާބެއް ނުދީ ގިނަ ދުވަސްތަކެއް ވާތީ އިދިކޮޅު މެންބަރުން ކޮންމެ ދުވަހަކުވެސް ސްޕްރީމް ކޯޓަށް ވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ