ރައީސް މައުމޫން ބަންދުގައި ބަހައްޓައިގެން ވެސް އޭސީސީގެ ތަހުގީގު!

ސަރުކާރު ވައްޓާލުމަށް އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަންދުގައި ބަހައްޓައިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ހިންގުމަށް އަނެއްކާވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް އިތުރު ތުހުމަތެއް އުފައްދާފައިވާ ކަމަށެވެ. އެމަނިކުފާނު ބަންދުގައި ބަހައްޓާފައިވާއިރު އޭސީސީން ތަހުގީގު އިންޓަވިއުއެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައުމޫން ވިދާޅުވީ އޭސީސީން ރައީސް މައުމޫނުގެ ތަހުގީގު އިންޓަވިއުއެއް ނެގުމަށް މަސައްކަތް ކުރަނީ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހިމެނޭ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް މިކަމަށް މަސައްކަތް ކޮށްފައިވާއިރު މިއަދުވެސް އިންޓަވިއު ކުރުމަށް އޭސީސީން މަސައްކަތް ކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ 2007 ގެ އޮޑިޓް ރިޕޯޓެއްގެ މައްސަލަ އޭސީސީން ތަހުގީގުކުރުމަށް އުޅޭއިރު ގާނޫނު ބުނާގޮތުން 8 އަހަރު ދުވަސް ފާއިތުވެދިއުމަށްފަހު އެފަދަ މައްސަލައެއްގައި ދައުވާ ނުއުފުލޭނެ ކަމަށެވެ. ތީމުގޭ އޮޑިޓް ރިޕޯޓު މައްސަލާގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ މީގެ ކުރިން ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް ޕީޖީ ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ. މައްސަލަ ފޮނުވާލެވުނީ ވެސް މިމައްސަލައަކީ މީގެ 10 އަހަރު ކުރީގެ މައްސަލައަކަށް ވާތީ ގާނޫނުގައި ބުނާ މުއްދަތަށްވުރެ ގިނަ ދުވަސް ފާއިތުވެފައި ވާތީކަން މައުމޫން ފާހަގަކުރެއްވިއެވެ.
ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިމައްސަލާގައި އިތުރު ބަޔާނެއް ނެގުމަށް އޭސީސީން މަސައްކަތް ކުރަމުން މިދަނީ ރައީސް މައުމޫން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ އޭސީސީގެ ތަހުގީގަށް ބަޔާނެއް ދެއްވާފައިވަނިކޮށް ކަމަށެވެ. މިއީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ކުރެވޭ ކަމަކަށް ވާތީ މިކަމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
"ރައީސް މައުމޫން ވަނީ އެބޭފުޅުންނަށް ވަރަށް ސާފު ޖަވާބެއް ދެއްވާފައި. މިހާރުވެސް އެމަނިކުފާނު ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި. ގާނޫނާ ޚިލާފު ކަމެއްގެ މައްޗަށް ތަރުތީބުގެން އަންނަ ކޮންމެ ކަމެއްވެސް ގާނޫނާ ޚިލާފުވާނެ. ރައީސް މައުމޫން ވިދާޅުވީ ގާނޫނާ އެއްގޮތަށް މިކަން ކުރިއަށް ގެންދާނަމަ އެއްބާރުލުން ދެއްވާނެ ކަމަށް. ބަންދުން މިނިވަންވުމުން އެބޭފުޅުން ބޭނުމިއްޔާ އަނެއްކާވެސް ހައްޔަރުކޮށްގެން ސުވާލު ކުރަންވީ" މައުމޫން ހަމީދު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވަކީލު ވިދާޅުވީ އޭސީސީގެ ބޭފުޅުން ވަޑައިގެން ފުލުހުން މެދުވެރިކޮށް ދެންނެވުމުން އެމަނިކުފާނު އިންޓަވިއު ރޫމަށް ވެސް ވަޑައިނުގަތް ކަމަށެވެ. އަދި ވިދާޅުވީ މިކަން މިހިނގަނީ ކިހިނެއްކަން އޭސީސީއަށް ވެސް ރަގަޅަށް އެނގޭނެ ކަމަށާއި މީގެ ކުރިންވެސް މިމައްސަލާގައި ބަޔާން ނެގީ އެކޮމިޝަނަށް ކުއްލިއަކަށް ނިދިން ހޭލެވިގެން ކަމަށެވެ. ނަމަވެސް ގާނޫނާ ޚިލާފު ކަމަކަށް ރައީސް މައުމޫން އެއްބާރުލުން ނުދެއްވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
މީގެ އިތުރަށް ވަކީލުގެ ޣައިރު ހާޒިރުގައި މުވައްކިލާ ސުވާލު ނުކުރެވޭނެ ކަަމަށް ވެސް އޭނަ ވިދާޅުވިއެވެ. މިގޮތަށް ސުވާލު ކުރުމުގެ ކުރިން، ކުރެވޭ ސުވާލުތަކާއި ދެކެވޭ ވާހަކަތައް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އިގުރާރުވެ މުވައްކިލާއި ވަކީލު ސޮއިކުރަންޖެހޭ ފޯމެއް އޭސީސީން ތައްޔާރުކޮށްފައި އޮންނަ ކަމަށާއި އެ ފޯމުގައި ދެބޭފުޅުންވެސް ސޮއިކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭސީސީން ރައީސް މައުމޫންގެ ބަޔާނެއް ނަގާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭ އެމަނިކުފާނުގެ އޮފީހަށް އޭސީސީގެ ޓީމެއް ހާޒިރުވުމަށްފަހުއެވެ. އެއީ ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ހިމެނޭ ދެ މައްސަލައަކާއި ގުޅޭގޮތުން ކަމަށް އޭރު މައުމޫންގެ އޮފީހުން ބުނެފައި ވެއެވެ.
ރައީސް މައުމޫންގެ ބަޔާން އޭސީސީން ނެގީ އެމަނިކުފާނުގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަށް ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ އޭސީސީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އޭސީސީއަށް ހާޒިރުވެވިދާނެ މައުމޫން އަންގަވާފައި ވަނިކޮށެވެ. އަދި އޭސީސީގެ ބޭފުޅުން އެމަނިކުފާނުގެ އަރިހަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އޭސީސީއަށް މީޑިއާގެ ހާޒިރުގައި ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭރު ވިދާޅުވިއެވެ.
އޭސީސީން ބުނެފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ބަޔާނެއް ނަގަންޖެހިއްޖެ ހާލަތެއްގައި އެ ބޭފުޅަކު ކޮމިޝަނަށް ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅަކު މަސައްކަތްކުރައްވާ އޮފީހަކަށް ނުވަތަ ދިރިއުޅުއްވާ ތަނަކަށް ކޮމިޝަންގެ ތަހުގީގު ޓީމުގޮސް ބަޔާން ނެގުމަކީ އެ ކޮމިޝަންގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ކަމަށެވެ. އެހެންކަމުން މައުމޫން އޭސީސީއަށް ހާޒިރުނުުކުރާނެ ކަމަށް ބުނެ ބަޔާން ނަގާފައިވަނީ އޭސީސީގެ ޓީމު އެމަނިކުފާނުގެ އަރިހަށް ގޮސްގެންނެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި ރައްޔިތންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އޭސީސީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ