ޕުލިސިޗް ބޭނުމީ އެެމެރިކާ ފުޓްބޯޅައިގައި ފެންވަރު ހުރިކަން ސާބިތުކޮށްދޭން

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އިން އެންމެ ބޮޑު އަމާޒަކަށް ކަނޑައަޅާފައިވަނީ، އެ ޓީމަކީ ވެސް އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެ ގައުމެއްކަން ސާބިތުކޮށްދިނުން ކަމަށް އެމެރިކާ ޓީމުގެ ތަރި، އޭސީ މިލާނަށް ކުޅޭ ކްރިސްޓިއަން ޕުލިސިޗް ބުނެފި އެވެ. 
މިއީ، 1994 ވަނަ އަހަރުގެ ފަހުން އެމެރިކާ އިން ވޯލްޑް ކަޕެއް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. މި ފަހަރު ކެނަޑާ އާއި މެކްސިކޯއާ ގުޅިގެން އެމެރިކާ އިން ވޯލްޑް ކަޕް ހޯސްޓްކުރި ނަމަވެސް، އެންމެ ގިނަ މެޗުތައް ކުރިއަށްދަނީ އެމެރިކާގަ އެވެ. އެމެރިކާ އިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ޕެރަގުއޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕުލިސިޗް ވަނީ މި ފަހަރު ޓީމުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަަކަ ދައްކައިފަ އެވެ. 
"މުބާރާތުގެ ވަރުގަދަ ބާރެއްގެ ގޮތުގައި ފެނިގެންދާން ބޭނުމީ. އަހަރެމެންނަށް އެބައޮތް ގްރޫޕް ސްޓޭޖުގައި ކުޅެލަން ވަރަށް ރަނގަޅު ތިން މެޗު ލިބިފައި، އަހަރެމެން މިއީ މިހާރު ކޮން ފެންވަރެއްގެ ޓީމެއްކަން ކުޅުމާއި ނަތީޖާ އިން ސާބިތުކޮށްދޭން،" އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި، ޗެލްސީ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު ޕުލިސިޗް ބުންޏެވެ. 
ހޮލީވުޑް ސްޓައިލް ހުޅުވުމުގެ ރަސްމިއްޔާތަކާ އެކު، އެމެރިކާގައި ވޯލްޑް ކަޕްގެ މެޗުތައް ފަށާއިރު، ޕެރަގުއޭއާ ކުޅެން އޮތް ފުރަތަމަ މެޗަކީ ވެސް ނަތީޖާ ނެރުން މަޖުބޫރު މެޗެއްގެ ގޮތުގައި ޕުލިސިޗް ދެކެ އެވެ. ފީފާ ރޭންކިން އަށް ބަލާއިރު، ގްރޫޕް ޑީގައި އޮތް އެންމެ ދަށް ޓީމަކީ ޕެރަގުއޭ އެވެ. އެ ގްރޫޕްގައި ދެން އޮތީ ތުރުކީ އާއި އޮސްޓްރޭލިއާ އެވެ. 
ޕުލިސިޗެކޭ އެއްގޮތަށް، އެމެރިކާގެ ކޯޗު، މަައުރީސިއޯ ޕޮޗެޓީނޯ ވަނީ ފުރަތަމަ މެޗުގައި ޕެރަގުއޭއާ ބައްދަލުކުރަން ޖެހުމަކީ ވަރަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ. ހާއްސަ ގޮތެއްގައި، އެ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، ފަސޭހައިން ނުނެގޭނެ ކަމަށް ޕޮޗެޓީނޯ ބުނެފައިވެ އެވެ. 
"ކޮލިފިކޭޝަނުގައި ޕެރަގުއޭ އިން އެ އޮތީ ސާބިތުކޮށްދީފައި އެ ޓީމާ މެދު އާދައިގެ ނަޒަރަކުން ދެކެވޭކަށެއް ނެތްކަން. އެ މީހުން، ބްރެޒިލާއި އާޖެންޓީނާ އެ އޮތީ ބަލިކޮށްފައި،" ޕޮޗެޓީނޯ ބުންޏެވެ. 
ވޯލްޑް ކަޕްގެ ކުރިން އެމެރިކާ އިން އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު މޮޅުވީ، މިދިޔަ މަހު 31 ވަނަ ދުވަހު ސެނެގާލް އަތުންނެވެ. އެ ޓީމު ވަނީ ބެލްޖިއަމް، ޕޯޗުގަލް އަދި ޖަރުމަނު އަތުން ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ