މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީ އަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި
މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ދައުވަތަކަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މައުމޫން ފައުންޑޭޝަންގެ ޗެއަމަން، މައުމޫން ޢަބްދުލްގައްޔޫމްއިއްޔެ ޒިޔާރަތް ކުރެއްވި އެވެ. ކުރީގެ ރައީސް މައުމޫންގެ އޮފީހުން މި ރޭ ނެރުނު ބަޔާނެއްގައި ބުނީ މައުމޫން އެ ޔުނިވަސިޓީ އަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް އިސްތިގްބާލު ކުރެއްވީ ފަސް ޕްރޮފެސަރުންގެ މައްޗަށް އެކުލެވޭ ވަފްދަކުން ކަމަށެވެ. އަދި އެ ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ އެ ޔުނިވަސިޓީގެ ޑެޕިއުޓީ ރެކްޓާ ޕްރޮފެސަރު ޑޮކްޓަރު އަބްދުލްޢަޒީޒް ބަރްޣޫތު ކަމަށެވެ. ރައީސް މައުމޫންގެ އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ރެކްޓަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީ އުފެއްދި މުއައްސިސުންގެ ގޮތުގައި ތިބި ހަތް އިސްލާމީ ގައުމުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވެފައި އެވަގުތު ރާއްޖޭގެ ރައީސަކަށް ހުންނެވީ ރައީސް މައުމޫން ކަމަށް ވާތީ އެ ޔުނިވަސިޓީ އުފެއްދުމުގަ އާއި އޭގެފަހުން ޔުނިވަސިޓީ ކުރިއަށްދާ ދިއުމުގައި ދިވެހި ރާއްޖޭގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ޓަކައި ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ފެށުނީއްސުރެ ޔުނިވަސިޓީގެ ބޯޑުގައި ރާއްޖޭގެ ފަރާތުން މެލޭޝިއާ އަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ހިމެނިވަޑައިގަންނަވާތީ އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަށް ޔުނިވަސިޓީ އިން ވިދާޅުވި މަރްޙަބާ އަށް ޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން އެ ޔުނިވަސިޓީ އިން ތަޢުލީމު ޙާޞިލުކުރަމުން ދާތީ އެކަމާ އުފާފުޅު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ