4،000 ފްލެޓުގެ ލޯނަށް މަހަކު 23 މިލިއަން ރުފިޔާ؛ އަދިވެސް މަޝްރޫއު ނުނިމޭ

މިދިޔަ ސަރުކާރުގައި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭގައި ހަދަން ފެށި 4،000 ފްލެޓް މަޝްރޫ ނުނިމި ދިގުލައިގެން ދާއިރު، އެ މަޝްރޫއުއަށް އިންޑިއާއިން ނަގާފައިވާ ލޯނަށް މަހަކު 23 މިލިއަން ރުފިޔާ ދައްކަމުންދާކަން ހާމަވެއްޖެ އެވެ. 
ވީ ކިހިނެއް؟ - މިކަން ހާމަވެފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މައުލޫމާތު ހޯދުމާއި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން އާރުޓީއައިއެއް ހުށަހަޅައިގެން މި މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހޯދި މައުލޫމާތުންނެވެ. އެ މައުލޫމާތާ އެކު އޭނާ ވަނީ އިއްޔެ މަޖިލީހުގެ ރައީސަށް ސީޓީއެއް ފޮނުއްވައި އެފްޑީސީގެ ވެރިން މަޖިލީހަށް ހާޒިރުކުރުމަށް އެދިވަޑައިގެންފަ އެވެ.
ތަފްސީލު - އެފްޑީސީން އާރުޓީއައިއަށް ދިން ޖަވާބުން އެނގޭ ގޮތުގައި، މި މަޝްރޫއުގެ ދަށުން ހިންގާ 'އަމާން ހިޔާ' އަދި 'އަމާން އުދަރެސް' މަޝްރޫއުގެ ޖުމްލަ އަގަކީ 260 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) އެވެ. އެގޮތުން:
މި ދެ ޕްރޮޖެކްޓަށް 9.1 މިލިއަން ޑޮލަރު (140 މިލިއަން ރުފިޔާ) ކޮންމެ އަހަރެއްގެ ޖޫން އަދި ޑިސެމްބަރުގައި ދައްކަން ޖެހޭ؛ އެއީ ކޮންމެ އަހަރު 280 މިލިއަން ރުފިޔާ ނުވަތަ މަހަކަށް ބަލާ ނަމަ 23.4 މިލިއަން ރުފިޔާ
މި ވެރިކަން ފެށުނުއިރު، 17 ނޮވެމްބަރު 2023އާ ހަމައަށް ސަރުކާރުން ދެ ޕްރޮޖެކްޓަށް ދައްކާފައި ވަނީ 298 މިލިއަން ރުފިޔާ އަދި އިންޑިއާގެ ލޯނުން ދައްކާފައި ވަނީ 1.6 ބިލިއަން ރުފިޔާ؛ މިދިޔަ 28 ނޮވެމްބަރާ ހަމައަށް ސަރުކާރުން ދައްކާފައި ވަނީ 460 މިލިއަން ރުފިޔާ އަދި އިންޑިއާގެ ލޯނުން ދައްކާފައި ވަނީ 2.5 ބިލިއަން ރުފިޔާ 
މިދިޔަ ނޮވެމްބަރުގެ ނިޔަލަށް 4،000 ފްލެޓްގެ ތެރެއިން 744 ހައުސިން ޔުނިޓް ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެފްްޑީސީގެ ޖަވާބުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
'އަމާން އުދަރެސް'ގެ ހަތަރު ޓަވަރެއްގެ 504 ޔުނިޓް
'އަމާން ދޯދި'ގެ ދެ ޓަވަރެއްގެ 240 ޔުނިޓް
"މި ޓަވަރުތަކުގައި މިހާރު އެތެރޭގެ ކަރަންޓުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މެއިން ކަނެކްޝަންގެ މަސައްކަތް މި ޓަވަރުތަކުގައި ކުރިއަށްދާއިރު، އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް މި ކޯޕަރޭޝަނަށް އަންދާޒާ ކުރެވެ އެވެ،" އެފްޑީސީގެ ޖަވާބުގައި ބުނެފައިވެ އެވެ.
"މި ޔުނިޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް މި ކޯޕަރޭޝަނުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ޓަވަރު ނިންމުމަށް އެއްބަސްވެފައިވާ ތާރީހަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ."
މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައިވާ ގޮތުން، ނިމިފައިވާ 744 ފްލެޓާއި ކޮމާޝަލް އޭރިއާއިން މަހަކު ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ 10 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެފްޑީސީގެ މުސާރަ އާއި ރިކަރަންޓް ހަރަދުތަކަށް މަހަކު 3.2 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެ ކުންފުނިން ހިއްސާ ކުރި މައުލޫމާތުތަކާ ހަވާލާދީ އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އެ ސިޓީގައި އޭނާ އިތުރަށް ފާހަގަ ކުރެއްވި ކަންކަމަކީ:
ކުރީ ސަރުކާރުން 4،000 ފްލެޓް ލިބޭނެ މީހުން ނިންމާފައި ވާއިރު، އެ ލިސްޓު އިވެލުއޭޓް ކުރުމަށް މި ސަރުކާރުން ކުރަމުންދާ ކަންކަން ދިގުލައިގެން ގޮސް، ފްލެޓްގެ ހައްގުވެރިންނަށް ފްލެޓްތައް ނުލިބި އަދި އޭގެ ސަބަބުން ދައުލަތަކަށް ދައްކާނެ ކުއްޔާއި ފީތައް ނުލިބުމަކީ ކަންބޮޑުވުމެއް
އެ ފްލެޓްތައް ވީހާ ވެސް އަވަހަކަށް ހަވާލުކޮށް، ލިބެން ޖެހޭ އާމްދަނީތައް ލިބި، އެފްޑީސީއަށް ލޯނު އަދާ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، "ގަސްތުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެންމެހާ ރައްޔިތުންގެ ފައިސާއިން މި ތަންތަނުގެ ލޯނު ދައްކަވަމުން ގެންދަވަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެން"
އެއާ އެކު، އެ ސިޓީގައި އޭނާ އެދިވަޑައިގެންނެވީ، މިކަންކަން އިތުރަށް ސާފުކުރުމަށްޓަކައި އެފްޑީސީގެ ވެރިން މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވައި މައްސަލަ ބައްލަވައިދެއްވުމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - 'ގެދޮރުވެރިޔާ' ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް އިވެލުއޭޓު ކުރުމުގެ ބަދަލުގައި ގެޒެޓުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ މީހުންގެ އިވެލުއޭޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިދިޔަ މަހު 14ގައި ވިދާޅުވެފައިވެ އެވެ. އަދި ރޯދަ މަސް އައުމުގެ ކުރިން ލިސްޓު ނެރޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ