ޕީއެންސީ ޕީޖީ ބައްދަލުވުމުގެ ރިޔާސަތުގައި ނާޒިމް، އަބްދުއްރަހީމެއް ނެތް

މާދަމާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، ވެރިކަން ކުރާ މައި ޕާޓީން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުން ކުރިއަށް ގެންދިޔައިރު، އެ ޕާޓީގެ ޗެއާޕާސަން، އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ. މާދަމާ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. އަދި މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް މާދަން ފަށާނެއެވެ. އެއާއެކު އެ ޕާޓީގެ މެންބަރުންނާއެކު މިއަދު ޕީޖީ ބައްދަލުވުމެއް މަޖިލީހުގައި ކުރިއަށް ގެންދިޔައިރު، ރިޔާސަތުގައި އިންނެވީ ދިއްގަރު ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. ނާޒިމްގެ އަރިހުގައި ކަނާތްފަރާތުގައި އިންނެވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. ފަލާހާ ޖެހިގެން ޑެޕިއުޓީ ޕީޖީ ލީޑަރު، އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިންނެވިއިރު ވާތް ފަރާތުގައި އިންނެވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު)އެވެ. https://x.com/IbrahimShujaau/status/1887112919910912257 މި ބައްދަލުވުުމުގެ ފޮޓޯތައް މެންބަރު ޝުޖާއު އެކްސްގައި ހިއްސާކުރެއްވިއިރު، ބައްދަލުވުމުގެ އެއްވެސް ފޮޓޯއަކުން އަބްދުއްރަހީމް ނުފެނެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މާލޭގައި އަބްދުއްރަހީމް ހުންނަވާނަމަ އަބަދުވެސް ޕީޖީ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ އަބްދުއްރަހީމެވެ. އަދި ހުރިހާ ބައްދަލުވުމަކަށް ވެސް ހާޒިރުވެވަޑައިގަންނަައެވެ. https://sun.mv/202005 ނަމަވެސް މިފަހަރު އަބްދުއްރަހީމް މާލޭގައި ހުންނަވަނިކޮށް، މަޖިލީހުގައި ކުރިއަށްދިޔަ ޕީޖީ ބައްދަލުވުމުން އަބްދުއްރަހީމް ނުފެނުމުން ގިނަ ބަޔަކު އަންނަނީ އެ ކަން ފާހަގަކުރަމުންނެވެ. ބައްދަލުވުމުން ނުފެނުނީ ކީއްވެކަން ސާފުކުރުމަށް އަބްދުއްރަހީމާ ސުވާލުކުރި ނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. ޕީއެންސީގެ މަސައްކަތްތަކާ އަބްދުއްރަހީމް ދުރުން އުޅުއްވާ މަންޒަރު ފެންނައިރު އެމަނިކުފާނާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު ސިޔާސީ ގޮތުން މައްސަލަ ޖެހި ގުޅުން ގޯސްވެފައިވާކަމުގެ އަޑު އަންނަނީ ފެތުރެމުންނެވެ. އެކަން އެންމެ ބޮޑަށް ހާމަވެ، ބާރު ލިބޭ ކަމަކަށްވީ އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރުމާއެކުގައެވެ. އެހާ ހިސާބުން، ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސާއި އަބްދުއްރަހީމުގެ ގުޅުން ގޯސްވެފައި ވާކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ފައިސަލް ވަކިކުރިތާ ގިނަ ދުވަސްނުވެ، އަބްދުއްރަހީމްގެ ދަނބިދަރިކަލުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ހިޝާމް ވަޖީހުގެ ބައްޕަ، މުހައްމަދު ވަޖީހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ވެސް ވަނީ ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ