ފަލަސްޠީނުގެ ޣައްޒާ ފޭރިގަނެ، އެ ތަނުން މުސްލިމުން ފައްސައިލައި، އެއީ އެމެރިކާގެ ބިމަކަށް ހަދާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން މެދުއިރުމަތީގެ ނުފޫޒު ގަދަ ބާރެއްގެ ގޮތުގައި ދެކެވޭ ސަޢޫދީ ޢަރަބިއްޔާއިން އެ ކަމަށް ރައްދު ދީފިއެވެ. ސަޢޫދީ ޢަރަބިއްޔާއާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުވުމަކީ އެމެރިކާގެ މައި އަމާޒެކެވެ. ނަމަވެސް، ޣައްޒާ ފޭރިގަންނާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމުން ސަޢޫދީ ޢަރަބިއްޔާއިން ބުނީ، ޔަހޫދީ ދައުލަތާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރާނީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދެވުމުން ކަމުގައެވެ.
ޣައްޒާ ފޭރިގަނެ، އަމިއްލަ ވަޒަނުން ފަލަސްޠީނުގެ ރައްޔިތުން ބޭރުކޮށް، އެހެން ޤައުމުތަކަށް ބަދަލު ކުރާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްޒާ ފޭރިގަތުމާ ސަޢޫދީ ޢަރަބިއްޔާއިން ދެކޮޅު ނުވާނެ ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމުގެ ވަޢުދު ފުއްދުމަށް ސަޢޫދީ ޢަރަބިއްޔާއިން ޝަރުޠު ނުކުރާނެ ކަމުގެ ޔަގީން ކަން އޮތް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޣައްޒާ މި ވަގުތު އޮތީ ސުންނާފަތި ކޮށްލާފައެވެ. ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އެ ސަހަރުގެ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްލާފައި ވަނީ އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން 15 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ލާއިންސާނީ ޢުދުވާނުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާން ނިމުމަކަށް ގެނެސްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
ޓްރަމްޕް ވިދާޅުވީ، ޣައްޒާ ފޭރިގަތުމުގެ މައިގަނޑު ބޭނުމަކީ، އެ ބިމުން އިޤުތިޞާދީ ނަފާ ހޯދުން ކަމުގައެވެ. އެ ކަން ކުރެވޭނީ ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން އެހެން ޤައުމުތަކަށް ބަދަލު ކޮށްގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކޮށް، އެ މީހުން ދިރިއުޅޭނެ ބިންތަކެއް ކަނޑައެޅައިދިނުމަށް އޭނާ ވަނީ އެ ދެ ޤައުމުގެ ވެރިންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، މިޞްރާއި އުރުދުންގެ އިތުރުން ޢަރަބި ޤައުމުތަކުން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ.
ޣައްޒާ ފޭރިގަންނާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމުން އެ ކަމަށް ރައްދުދީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނީ، ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ބޭރު ކުރުމަށް ހުށަހަޅާ ހުރިހާ ހުށަހެޅުމެއް، އަދި ކުރާ ހުރިހާ މަސައްކަތަކާ އެ ޤައުމުން ދެކޮޅު ހަދައި އިންކާރު ކުރާނެ ކަމުގައެވެ. އަދި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމާ މެދު ސަޢޫދީ ޢަރަބިއްޔާގެ ސިޔާސަތު ބަދަލު ނުކުރެވޭނެ ކަމުގައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސުޢޫދާ ޙަވާލާދީ އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ޤައުމުގެ ސިޔާސަތު ވަރަށް ހާމަކަން ބޮޑުކޮށް ސާފުކޮށްދީފައިވާނެ ކަމުގައެވެ. ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރުމުގެ މައުޟޫޢަކީ ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން ޢަަރަބި ޤައުމުތަކުގެ މެދުގައި ވަރަށް ހައްސާސް މައުޟޫޢެކެވެ.
މެދުއިރުމައްޗާ މެދު ސަޢޫދީ ޢަރަބިއްޔާއިން ގެންގުޅޭ ސިޔާސަތުތަކަކީ އެމެރިކާގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުން ވިސްނަންޖެހޭ ސިޔާސަތުތަކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. އެމެރިކާއިން މެދުއިރުމައްޗާ މެދު އަމަލު ކުރަމުންދާ ސިޔާސަތުގެ އެންމެ އިހުގައި އޮތީ ސަޢޫދީ ޢަރަބިއްޔާއާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުވުމެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއިން ޒަޔަނިސްޓުންގެ ދައުލަތް ޤަބޫލު ކުރުވުމެވެ. ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން އެމެރިކާއިން ވިލަރެސް ކުރަމުން ދިޔަ މަޝްވަރާތަކަށް ޣައްޒާ ޢުދުވާނާ އެކު ވަނީ ހިޔަނި އެޅިފައެވެ.
އެމެރިކާގެ ފިއްތުންތަކާއި ބާރުއެޅުމާ އެކު ބައެއް ޢަރަބި ޤައުމުތަކުން މިހާރު ވެސް ދަނީ ޒަޔަނިސްޓުންނާ ގުޅުން ބަދަހި ކުރަމުންނެވެ. ޔަހޫދީންނަށް މަދަދުވެރިވަމުންނެވެ. އެ މީހުންނާ އެކު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަމުންނެވެ. އިސްރާއީލުގެ ދައުލަތް ބަލައިގަނެ، ޒަޔަނިސްޓުންނާ ގާތް ގުޅުންތަކެއް ބާއްވަމުންދާ ޢަރަބި ޤައުމުތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ބަޙްރަޔިން ހިމެނެއެވެ. އެ ދެ ޤައުމުން ޔަހޫދީންގެ ދައުލަތް ބަލައިގަނެފައި ވަނީ 2020ވަނަ އަހަރު އެމެރިކާއިން އަޑީގައި އޮވެ އެކުލަވައިލި އިބްރާހީމް މުޢާހަދާގެ ދަށުންނެވެ.
ޣައްޒާ ފޭރިގަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ސަޢޫދީ ޢަރަބިއްޔާގެ ހޫނު ރައްދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ