އެއް ލައްކަ ގޭބިސީއަށް 22،000 ކަދުރު ޕެކެޓު ބަހައިފި
ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން 22،163 ކަދުރު ޕެކެޓު 102،712 ގޭބިސީއަކަށް ބަހައިފިއެވެ. ސައުދީން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރުން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ނިމިފައިވާ ކަމަށް އިއްޔެ އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ. މިއަދު އެ މިނިސްޓްރީންވަނީ ކަދުރު ބެހި ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46،251 ގޭބިސީއަކަށް 11،375 ޕެކެޓު ކަދުރުވަނީ ބަހައިފައެވެ. އަދި ކައުންސިލްތަކަށް ދޫކޮށްފައިވަނީ 56،461 ގޭބިސީއަކަށް، 10،788 ޕެކެޓު ކަދުރެވެ. ގޭބިިސީއަށް ކަދުރު ބަހަނީ، އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށާއި ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ. މި އަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވާ ޖަމިއްޔާތަކުގެ ތެރޭގައި ރޯދަވީއްލުންތައް އިންތިޒާމު ކުރާ ޖަމިއްޔާތައް ހިމެނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މީގެ ތެރެއިން 19 ޖަމިއްޔާއަކުން ކަދުރު ހޯދުމަށް އެދި ނަން ނޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ޖަމިއްޔާއަކަށް މިހާތަނަށް ކަދުރު ދޫކޮށްފައި ނުވާ ކަމަށެވެ. މި އަހަރު ސައުދީ ސަރުކާރުންވަނީ ދިވެހިރައްޔިތުންނަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އެ ކަދުރު ބަހަން ފެށީ މިދިޔަ މަހުގެ 20ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ