އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުރުގާއޭ ކިޔައިގެން ދައްކާ ވާހަކަތައް ތަހުގީގު ކުރަން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ގޮވާލައިފި އެވެ.
ޖަނާބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ލީޑާޝިޕްގައި ތިބި އަންހެނުންނަކީ ބުރުގާ ނާޅާ ބައެއް ކަމަށާއި ބުރުގާއޭ ކިޔައިގެން އެ ޕާޓީން ދައްކާ ވާހަކަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
"ބުރުގާ އަކީ އިޖުތިމާއީ ބަލި ފަތުރާ ޖަރާސީމެއް ކަމަށް ރައީސްގެ ސެކްރެޓަރީ މިނިވަން ނޫހުގައި ލިޔުމުން އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކޮށް ނަސޭހަތް ދެވުނީ 2007 ގައި،" އޭނާ ވިދާޅުވި އެވެ.
ޖަނާބު މިހެން ވިދާޅުވީ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ގަރާރު ހުށަހެޅުއްވުމުން މަޖިލީހުގައި ޖަނާބު ވިދާޅުވީ އެ ގަރާރު ހުށަހެޅީ މަޖިލީހުގެ ވަގުތު ނަގާލަން ކަމަށާއި އެއީ މަޖިލީހަށް ނުވައްދާ ނިންމޭނެ މައްސަލައެއް ކަމަށެވެ.
"ހަގީގަތުގައި މިއީ މިނިސްޓްރީ އާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ނިންމަވައިލެވެން އޮތް ކަމެއް، އަޅުގަނޑުމެން ވެސް އެދެނީ މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ރައްކާތެރިވެގެން ދިޔުން އެހެން ނަމަވެސް މަޖިލީހުގެ ވަގުތު ނަގާލައިގެން މަޖިލީހުގައި ޝަރީއަތްކޮށް މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ،" ޖަނާބު މަޖިލީހުގައި ވިދާޅުވި އެވެ.
ޖަނާބު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ތުނބުޅި މަތިމަސް ބެހެއްޓުމަށް ތާއީދު ކުރާ މީހުން އުޅޭ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން އެފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅީ ކޮން ނިޔަތެއްގައިތޯ ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް މި ތިއްބެވި 13 އަންހެން ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުންނަކީ ބުރުގާ ތުރު ނުކުރައްވާ ބޭފުޅުންނަށްވެފައި ބުރުގާ އާއި ތުނބުޅި މަތިމަހަށް ތާއީދު ނުކުރާ މީހުން ކޮންފަދަ ނިޔަތެއްގައިތޯ މަޖިލީހުގެ ވަގުތު ހުއްޓައިލަން ކޮންމެ ފަހަރަކު މި މީހުން މިކަހަލަ ވާހަކައެއް މި ގެންނަނީ،" އިބްރާހިމް ވިދާޅުވި އެވެ.
މަޖިލީހަށް މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، ތުނބުޅި މަތިމަސް ބަހައްޓަން ބޭނުންވާ މުވައްޒަފުންނަށާއި، ބުރުގާ އަޅަން ބޭނުންވާ އަންހެން މުވައްޒަފުންނަށް އެ ފުރުސަތު އޮންނަންވާނެކަމަށް އޭނާގެ ގަރާރުގައި ބުނެފައި ވެއެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ އަންހެނުން ބުރުގާ ނާޅާއިރު އެ ޕާޓީން ބުރުގާއޭ ކިޔައިގެން ދައްކާ ވާހަކަ ތަހުގީގު ކުރަންޖެހޭ: ޖަނާބު އެމްޑީޕީގެ ލީޑާޝިޕްގެ އަންހެނުން ބުރުގާ ނާޅާއިރު އެ ޕާޓީން ބުރުގާއޭ ކިޔައިގެން ދައްކާ ވާހަކަ ތަހުގީގު ކުރަންޖެހޭ: ޖަނާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ