ދިގު އިންތިޒާރަކަށްފަހު ޝަނާޔާގެ ފިލްމުގެ ޓީޒާއެއް ދައްކާލައިފި

ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރުގެ ފިލްމު "ތޫ ޔާ މޭ"ގެ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. ޝަނާޔާގެ މި ފިލްމުގެ ޓީޒާ އާއްމުންނަށް ދައްކާލާފައި މި ވަނީ 25 އަހަރުގެ ޒުވާނާ ފިލްމީ ދާއިރާއަށް ތައާރަފް ކުރުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައިވާ މި ފިލްމަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "ޝައިތާން"، "ޑޭވިޑް" އަދި "ވަޒީރު"ގެ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ ފިލްމެކެވެ. ޝަނާޔާއާ އެކު މި ފިލްމުން އެކްޓަރުގެ ރޯލްއިން ފެންނާނީ އާދާޝް ގޯރަވްއެވެ. އާދާޝްގެ މިހާތަނަށް ރިލީޒްވެފައިވާ ފިލްމުތަކުގެތެރެއިން "ދަ ވައިޓް ޓައިގާ" އަދި "ކޯ ގަޔޭ ހަމް ކަހާ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތަކެކެވެ. ޝަނާޔާ ކަޕޫރުގެ ފިލްމު "ތޫ ޔާ މޭ"ގެ ޓީޒާ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާއަށް ނިސްބަތްވާ ޝަނާޔާގެ ބޮޑު ބޭބެއިންނަކީ އެކްޓަރު އަނިލް ކަޕޫރު އަދި މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރެވެ. ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރު، އަރުޖުން ކަޕޫރު، ޖާންވީ ކަޕޫރު އަދި ޚުޝީ ކަޕޫރަކީ ޝަނާޔާއާ ދެބެއިންގެ ދެ ދަރި މީހުންނެވެ. ޝަނާޔާ ފިލްމީ ދާއިރާއަށް ތައާރަފް ކުރުމުގެ ބަހުސްތައް ކުރިއަށްދާތާ އަހަރުތަކެއް ވެފައިވާއިރު ޝަނާޔާ ބޮލީވުޑަށް ތައާރަފްވާނެ ކަމަށް ބުނަމުން އަންނަ ފިލްމު "އާންކޯންކީ ގުސްތާންކިޔާ"ގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެކްޓަރު ވިކްރާންތު މަސޭއާ އެކު ޝަނާޔާ ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ