އަޒްމިރަލްދާގެ ވަކީލަށް، ޖޭއެސްސީ: ޖަވާބުދާރީވާންޖެހޭނީ ފަނޑިޔާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރަމުންދާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެ ކޮމިޝަނަށް ހާޒިރުކުރިއިރު އެ ކަމަނާގެ ވަކީލަށް ފުރުސަތު ނުދިން ކަމަށް ބުނާ ބުނުން ޖޭއެސްސީން މިއަދު ދޮގުކޮށްފިއެވެ. ޖޭއެސްސީން އަންނަނީ، މިދިޔަ މަހުގެ 26ގައި އެ ކޮމިޝަނުން ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާއާއި މަހާޒް އަލީ ޒާހިރުގެ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލައިގައި ތުހުމަތު ކުރަނީ، މިދިޔަ ޑިސެމްބަރު މަހު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށެވެ. އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މިދިޔަ އާދިއްތަ ދުވަހު މަހާޒު ހާޒިރުކުރުމަށްފަހު އިއްޔެ ވަނީ އަޒްމިރަލްދާ ހާޒިރުކޮށްފައެވެ. އަޒްމިރަލްދާއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި، އޭނާގެ ގާނޫނީ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނުދެވޭނެ ކަމަށް ކޮމިޝަނުން ބުނި ކަމުގެ ކަންބޮޑުވުން، އޭނާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ފާޅުކުރެއްވިއެވެ. އެއާއެކު އެތައް ބައެއްގެ ފާޑުކިޔުން ޖޭއެސްސީއަށް އަމާޒުވިއެވެ. އޭގެތެރޭގައި ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އާއިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ހިމެނިވަޑައިގަންނަވައެވެ. https://sun.mv/203600 މިއަދު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އަޒްމިރާލްދާއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ހައްގުތައް އެންމެ ފުރިހަމައަށް އަޒްމިރާލްދާއަށް ދީފައި ވާކަމަށެވެ. އެގޮތުން މައްސަލައިގެ ތަހުގީގުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އަޒްމިރާލްދާ އެދުމުން، އެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު އޭނާއަށްދީ، ގާނޫނީ ވަކީލެއްގެ ގޮތުގައި އިބްރާހިމް ޝަމީލް އައްޔަނުކޮށްފައިވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ. އެއާއެކު އެ މައްސަލައިގެ ތަހުގީގުގައި އިއްޔެ އަޒްމިރާލްދާއާއެކު ޝަމީލް ބައިވެރި ވަޑައިގެންފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު -- ފޮޓޯ: ސުޕްރީމް ކޯޓު އެހެންނަމަވެސް ތަހުގީގުގެ އެ އަޑުއެހުމަށްފަހު ޝަމީލް މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ. ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖޭއެސްސީކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކޮމިޝަނުން ބެލުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ގާނޫނީ ވަކީލަށް ފުރުސަތު ދިނުމާއި، ފަނޑިޔާރަކު އައްޔަނުކުރާ ގާނޫނީ ވަކީލަށް ވަކީލެއްގެ ޒިންމާއާ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ޖޭއެސްސީން ބުނީ، ތަހުގީގު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފުސީލު ފަނޑިޔާރަށް ދިނުމުން، މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނީ ފަނޑިޔާރުކަމަށް ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާ ފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެ ކަން ފާހަގަކޮށްފައި ވެއެވެ. https://sun.mv/203559 "ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވަކީލެއް ނޫނެވެ. ފަނޑިޔާރެވެ. ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ޤާނޫނީ ލަފާދިނުމެވެ. އެ ފުރުޞަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށް ވެސް ދީފައިވާނެއެވެ. އަދި ބޭނުންފުޅުނަމަ ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތު ވެސް ތަކުރާރުކޮށް ދީފައިވާނެއެވެ،" ޖޭއެސްސީން ނެރުނު ބަޔާނުގައި ވެއެވެ. ޖޭއެސްސީން ބުނީ އެއީ އެ ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަހުގީގީ އިދާރާތަކުން ވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ގާނޫނީ އުސޫލު ކަމަށެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި މަހާޒާއި އަޒްމިރަލްދާ ވެސް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އެ މައްސަލައިގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް އަޒްމިރަލްދާ އެދިވަޑައިގަތް ނަމަވެސް، އެކަމަށް ޖޭއެސްސީން އިޖާބަދީފައިނުވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިމަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދާއެކު މަހާޒާއި އަޒްމިރަލްދާ ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައެއް އޮތް ކަމަށް ބުނެއެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ، މެންބަރުންގެ ގޮނޑި ގެއްލުމުގެ އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށްވާއިރު، އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ އެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ